އިންޑިއާގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ކޮންގްރެސް ޕާޓީގެ ލީޑަރަކަށް ސޯނިއާ ގާންދީ ހަމަޖައްސައިފި އެވެ.

އެންމެ ފަހުން ބޭއްވުނު އާންމު އިންތިހާބުން ބަލިވުމުން މީގެ ދުވަސްކޮޅެއް ކުރިން ރާހުލް ގާންދީ ލީޑަރުކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ދެން ލީޑަރު ކަމަށް އަންނާނީ ސޯނިއާ ގާންދީ ކަމަށް ކުރިން ވެސް ބެލެވުނެވެ.

ސޯނިއާ ގާންދީ އަކީ ރާހުލް ގާންދީގެ މަންމާފުޅެވެ. ރާހުލްގެ ބައްޕާފުޅު ރަޖީވް ގާންދީއާއި، މާމާފުޅު އިންދިރާ ގާންދީގެ އިތުރުން މުނިކާފާފުޅު ޖަވާހަރުލާލް ނެހެރޫއަކީ އިންޑިއާގައި ވެރިކަން ކުރެއްވި ބޭފުޅުންނެވެ.

އާންމު އިންތިޚާބުގައި މޯދީގެ ޕާޓީ، ބީޖޭޕީން އެކަނިވެސް 303 ގޮނޑި ކާމިޔާބު ކުރިއެވެ. ބީޖޭޕީ އިސްވެ އޮވެ އުފައްދާފައިވާ ނޭޝަނަލް ޑިމޮކްރަޓިކް އެލަޔަންސްގައި ހިމެނޭ އެހެން ޕާޓީތަކަށް ލިބުނު ގޮނޑިއާއެކު ބީޖޭޕީ ކޯލިޝަންއަށް ޖުމްލަ 352 ގޮނޑި ކާމިޔާބު ކުރެވިފައި ވެއެވެ.

އިދިކޮޅު އެންމެބޮޑު ޕާޓީ، ނޭޝަނަލް ކޮންގްރެސް ޕާޓީއަށް 52 ގޮނޑި ކާމިޔާބު ކުރެވިފައިވާއިރު، އެޕާޓީ ހިމެނޭ ކޯލިޝަނަށް ޖުމްލަ 102 ގޮނޑި ލިބިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު