މިއަދު މުސްލިމް ޤައުމުތަކުގައި ފާހަގަކުރަމުންދާ ބަރަކާތްތެރި އަޟްޙާ ޢީދު ދުވަހާއި ދިމާކޮށް ފަލަސްތީނުގެ އެކި ހިސާބުތަކުގައި އާއި، އެ ބިމުގައިވާ މުސްލިމުންގެ މުޤައްދަސް މިސްކިތް ކަމަށްވާ، އަލް މަސްޖިދުލް އަޤްސާގައި އިސްރާއިލް ސިފައިން ބޮޑެތި ހަމަނުޖެހުންތައް ހިންގައި ލޭއޮހޮރުވަން ފަށައިފިއެވެ.

އިސްރާއިލް ސިފައިން ފަލަސްތީނުގެ އަތްގަދަކޮށްފައިޥާ ޤުދުސްގައި ހުންނަ މަސްޖިދުލް އަޤްސާގައި މިއަދު ޢީދު ފާހަގަކުރަމުންދިޔަ މީހުންނާއި "ދިމާކޮށްލާފައި" ވާއިރު، މިސްކިތް ތެރޭގައި ތިބި މީހުންނަށް ހަތިޔާރު ބޭނުންކޮށްގެން ވަނީ ހަމަލާދީ އަނިޔާކޮށްފައެވެ.

ފަލަސްތީނުގައި ހަރަކާތްތެރިވާ "ވަގުތު"ގެ ނޫސްވެރިން ބުނެފައިވާގޮތުގައި، މިއަދު އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީ ސިފައިން، މަސްޖިދުލް އަޤްސާއަށް ވަދެ އެތަނުގައި ހިންގި ޖަރީމާތަކުގައި ގިނަ އަދަދެއްގެ އަންހެނުންނަށް އެކި ގޮތްގޮތުން އަނިޔާކޮށް ޒަޚަމްކޮށްލާފައި ވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަމަލާތަކުގެ ސަބަބުން މަދުވެގެން 14 މީހަކަށް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިފައެވެ.

އެނގިފައިވާގޮތުގައި މިއަދު އިސްރާއިލް ސިފައިން މަސްޖިދުލް އަޤްސާއަށް ވަދެފައި ވަނީ، ރަބަރު ބުލެޓް ލައްވާ ބަޑި އާއި ކަރުނަގޭސް ކެނިސްޓަރުތަކާއި މުގުރުބުރިތައް ހިފައިގެންނެނެވެ. މިތަކެތި ބޭނުންކޮށްގެން މިސްކިތުގައި ތިބި މީހުންނަށް އިސްރާއިލް ސިފައިން ހަމަލާ ދިނީ އެއްވެސް ސަބަބަކާނުލައި، އެމީހުން ސުލްޙަވެރިކަމާއެކު ޢީދު ފާހަގަކޮށް އެކަކު އަނެކަކާއި ބައްދަލުވުމަށް ގޮސް ތިއްބައެވެ.

އިސްރާއިލް ސިފައިން މިއަދު ހިންގި ޖަރީމާތަކަށްފަހު، މިސްކިތުގައި ތިބި ބައެއް މުސްލިމުން ރަހީނުކޮށްގެން ވެސް ގެންދިޔައެވެ. ނަމަވެސް އެމީހުންނާއި މެދު ފަހުން ޢަމަލު ކުރި ގޮތެއް އަދި ނޭނގެއެވެ. އާންމު ގޮތެއްގައި މިގޮތަށް ރަހީނުކޮށްގެންދާ މީހުން ވަކި މުއްދަތެއް ނެތް ގޮތުގައި އިސްރާއިލްގެ ތޭރިތަކުގެ ފަހަތުގައި އެތައް އަހަރެއް ވަންދެން ބައިތިއްބާއިރު، މިގޮތަށް ބައިތިއްބާ ތިބުމުގައި ބޮޑެތި އަނިޔާތައްދީ ހަދައެވެ.

މިއަދު ހިނގި ހަމަނުޖެހުންތަކާއި މުސްލިމުންވެސް ކުރިމަތިލާފައިވާއިރު، އިސްރާއިލްގެ އަނިޔާވެރި ސިފައިންނާއި މުސްލިމުންނާއި ދެމެދު ކުރިމަތިލުންތައް ހިނގާފައި ވެއެވެ. އެގޮތުން ހިނގި ކުރިމަތިލުންތަކުގައި އިސްރާއިލް ސިފައިންގެ ދެ މީހަކަށްވެސް ވަނީ އަނިޔާވެފައެވެ.

މިއަދު މަސްޖިދުލް އަޤްސާއަށް އިސްރާއިލް ސިފައިން ވަދެ، މިސްކިތުގައި ތިބި މުސްލިމުންނަށް ޙަމަލާ ދީފައިވާއިރު، އިއްޔެގެ ވަގުތެއްގައި ޣައްޒާގެ ބޯޑަރު ސަރަޙައްދުން ފަލަސްތީނުގެ ހަތަރު މީހަކު ޝަހީދުކޮށްލާފައި ވެސް ވެއެވެ.

އާންމު ގޮތެއްގައި މުސްލިމުން ފާހަގަކުރާ ޢީދު ދުވަހާއި އެނޫންވެސް އުފާވެރި ދުވަސްތަކާއި ދިމާކޮށް އިސްރާއިލްގެ ޔަހޫދީން މިފަދަ ލާއިންސާނީ ޢަމަލުތައް ހިންގައެވެ. އެގޮތުން މިދިޔަ ފިތުރު ޢީދު ދުވަހާއި ދިމާކޮށްވެސް ޣައްޒާގެ އެކި ސަރަޙައްދުތަކަށް ވައިގެ މަގުން ހަމަލާދީ ގެތަކާއި އިމާރާތްތައް ސުންނާފަތިކޮށް އެތައް ބަޔަކު ޒަޚަމްކޮށް ޝަހީދުކޮށްލާފައި ވެއެވެ.