އިއްޔެ ނޯވޭގެ މިސްކިތަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހާގެ ކޮއްކޮ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ނޯވޭގެ ފުލުހުން މިކަން މިހާރު މީޑިއާތަކުގައި ކަށަވަރުކޮށްދީފައި ވާއިރު، ފުލުހުން ބުނީ އުމުރުން 17 އަހަރުގެ އެ އަންހެން ކުއްޖާގެ ހަށިގަނޑު ފެނުނީ މިސްކިތަށް ހަމަލާދިން ހާދިސާގެ ކުރިން ކަމަށެވެ.

ފުލުހުން ބުނީ، މި އަންހެން ކުއްޖާ މަރާލީ، ނޯވޭގެ އޮސްލޯގައި ހުރި މިސްކިތައް އިއްޔެ ހަމަލާދިން މީހާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. ނަމަވެސް އެމީހާ އަދި އަތުލައިގަނެވިފައެއް ނުވެއެވެ.

އިއްޔެގެ މި ހާދިސާގައި ބަޑިން ހަމަލާ ދިނުމުގެ ސަބަބުން އެކަކަށް އަނިޔާވެގެން ފަރުވާދެމުންދާއިރު، އޭނާއަށް ލިބުނީ ކިހައި ވަރެއްގެ އަނިޔާއެއް ކަމެއް އަދި އޮފިޝަލުން ހާމައެއް ނުކުރެއެވެ.

ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި، ބަޑި ޖެހުމަށް ވަން މީހާ ދިޔައީ ހެލްމެޓް އަޅައިގެންނެވެ. އޮފިޝަލުން ބުނެފައިވާގޮތުގައި އޭނާ މިސްކިތަށް ވަދެފައި ވަނީ ދެ "ޝޮޓްގަން" ހިފައިގެންނެވެ. އޭނާ މިސްކިތަށް ވަދެފައި ވަނީ މިސްކިތުގެ ކުޑަދޮރެއްގެ ބިއްލޫރިގަނޑު ތަޅާލައިގެންނެވެ.

މި ހާދިސާ އަށްފަހު ފުލުހުން މިސްކިތް ތެރެ ބަލައި ފާސްކޮށްފައިވާއިރު، ހަމަލާދިނުމަށް އޭނާ ބޭނުންކުރި ހަތިޔާރުތައް ވަނީ ހޯދާފައެވެ.

މި ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހަކު ހޯދުމުގެ މަސައްކަތް މިހާރު އިދާރާތައް ގުޅިގެން ކުރަމުން އަންނައިރު، ނޯވޭގައި މިހާރު ވަނީ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައެވެ.

ނޯވޭގެ މިސްކިތަކަށް ހަތިޔާރުއެޅި މީހަކު ވަދެ ބަޑިން ހަމަލާދީ އެކަކު ޒަޚަމްކޮށްލާފައިވާއިރު، މީގެ ދުވަސްތަކެއް ކުރީން ނިއުޒިލޭންޑުގެ މިސްކިތަކަށް ހަމަލާ ދިން މީހަކު ވަނީ މިސްކިތުގައި އެވަގުތު ތިބި 51 މީހަކަށް ހަމަލާދީ ޝަހީދުކޮށްލާފައެވެ.