ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި އެމެރިކާގެ ބިލިއަނަރު ޖެފްރީ އެސްޓެއިން ޖަލުގައި އަމިއްލައަށް މަރުވީތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދަން ފަށައިފިއެވެ.

"ދަންޖެހިގެން" ޖެފްރީ މަރުވީ މީގެ ދެ ދުވަސް ކުރިންނެވެ. ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ޖެފްރީ ދަންޖެހިފައި ހުރީ އޭނާ ހައްޔަރުކޮށްފައި ހުރި ގޮޅީގައެވެ.

ނަމަވެސް ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ޖެފްރީ އަމިއްލައަށް މަރުވީކީ ނޫނެވެ. "ބާރުގަދަ މީހަކު" އޭނާ މަރާލީއެވެ.

ޖެފްރީ މަރުވުމުގެ ހަފްތާއެއް ކުރިން އޭނާ ވަނީ އޭނާ މަރާލަން މީހަކު އުޅޭހެން ހީވާ ކަމަށް ޖަލުގެ ގާޑުންގެ ކައިރީގައި ބުނެފައެވެ.

ހަފްތާއެއް ކުރިން ޖެފްރީއަށް ޖަލުގައި އަނިޔާއެއް ވެސް ލިބިފައިވެއެވެ. ޖަލު ބަލަހައްޓާ އިދާރާ އިން ބުނީ ޖެފްރީއަށް އަނިޔާވީ އަމިއްލައަށް ކުރި ކަމަކުން ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއެވެ.

ސުވާލު އުފައްދާ މީހުން ބުނާ ގޮތުގައި އަމިއްލަ ނަފްސަށް އޭނާ ގެއްލުންދިން މައްސަލައެއް ފާހަގަ ކުރެވުމުން ވެސް އޭނާ އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފާނެ ކަމަށް ބަލާ ހާއްސަ ސަމާލުކަމެއްދޭ މީހުންގެ ގެޓަގަރީއަށް އޭނާ ބަދަލުކޮށްފައި ނުވާތީ ސުވާލު އުފެދެއެވެ.

ޖެފްރީ އަކީ އެމެރިކާގެ ނުފޫޒުގަދަ ގިނަ ބަޔަކާއި ގުޅުން އޮތް މީހެކެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ކުރީގެ ރައީސް ބިލް ކްލިންޓަނާއި، ހިލަރީ ކްލިންޓަން އަކީ ވެސް ޖެފްރީގެ ގާތް މީހުން ކަމަށް ވެއެވެ.

ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ޖެފްރީ މަރާލާފައި ވަނީ އޭނާ އާއި އެކު "ކުޑަކުދިންނާއި ބެހުނު" ނުފޫޒުގަދަ މީހަކުގެ އަތެއް އޮވެގެންނެވެ. އެއީ ޝަރީޢަތުގައި އެފަދަ ފަރާތްތަކުގެ ނަންތަކެއް ޖެފްރީ ހާމަކޮށްފާނެތީ ކަމަށް ވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.

ޖެފްރީގެ މަރާއި ގުޅިގެން އެފްބީއައި އިން މިހާރު ވަނީ ހާއްސަ ތަޙްޤީޤެއް ފަށާފައެވެ. ނަމަވެސް ޖެފްރީގެ މަރާއި މެދު ސުވާލު އުފައްދާ މީހުން ބުނާ ގޮތުގައި އެފްބީއައިގެ ތަޙްޤީޤުން ރަނގަޅު ޖަވާބެއް ނުލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަލޯ ހަލޯ!

    މީ ދުނިޔެ އަކީ. އަަސްލު މިސާލެއް.