ހައްޖުގެ އަޅުކަން އަދާކުރުމަށް މައްކާ، މިނާ އަދި އަރަފާތުގައި ތިބި މީހުންގެ ތެރެއިން އިއްޔެ އާއި ހަމައަށް އަށް އަންހެނަކު ވިހާފައިވާ ކަމަށް ސައުދީ އަަރަބިއްޔާގެ ހެލްތު މިނިސްޓްރީ އިން ވިދާޅުވެއްޖެއެވެ.

ސައުދީ ޕްރެސް އެޖެންސީ އިން އެގައުމުގެ ހެލްތު މިނިސްޓްރީ އާއި ހަވާދީ ބުނީ މައްކާގައި ހުންނަ މެޓާނިޓީ އެންޑް ޗިލްޑްރެންސް ހޮސްޕިޓަލްގައި ފަސް ކުދިން، އަރަފާތުގައި ދެ ކުދިން އަދި މިނާގައި އެއް ކުއްޖަކު އުފަންވެފައިވާ ކަމަށެވެ.

އަރަފާތުގައި ވިހާފައިވާ ދެމީހުން ވެސް ވިހާފައި ވަނީ އަރަފާތުގައި ތިބުމުގެ ވަގުތު ހަމަވި ފަހުންނެވެ. އަރަފާތުގައި ވިހާފައިވާ އެކަކީ އުމުރުން 44 އަހަރުގެ ލީބިއާ އަންހެނެކެވެ. އޭނާ އަށް ލިބުނު ދަރިފުޅަށް ދީފައިވާ ނަމަކީ ވެސް އަރަފާތު އެވެ.

ދެން އަރަފާތުގައި ވިހާފައި ވަނީ ގާނާގެ އަންހެނެކެވެ. އުމުރުން 23 އަހަރުގެ އަންހެން މީހާ އަށް ލިބުނު ދަރިފުޅަށް ކިޔާފައި ވަނީ މުހައްމަދު ސަލްމާން އެވެ. އެއީ ސައުދީ އަރަބިއްޔާގެ ވަލީއަހްދު މުހައްމަދު ބިން ސަލްމާންގެ ނަމާއި ގުޅުވައިގެންނެވެ.

ސައުދީ އަރަބިއްޔާގެ މީޑިއާތަކުން ބުނާ ގޮތުގައި ހައްޖުގެ އަޅުކަމުގެ ތެރޭގައި ވިހާފައިވާ ހުރިހާ ހައްޖުވެރިންނާއި، އެމީހުންނަށް ލިބުނު ދަރިންގެ ހާލު ވެސް ރަނގަޅެވެ.

މިއަހަރު ވެސް ދުނިޔޭގެ އެކި ހިސާބުތަކުން 2.5 މިލިއަން މީހުން ވަނީ ސައުދީ އަރަބިއްޔާ އަށް ގޮސް ހައްޖުގެ މަތިވެރި އަޅުކަން ފުރިހަމަކޮށްފައެވެ.