އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ޖަރީމާތަކުގެ ތެރެއިން، ފަލަސްތީނަށް ނިސްބަތްވާ ޚާއްސަ އެހީއަށް ބޭނުންވާ މީހަކު ރަހީނުކޮށްފިއެވެ.

ފަލަސްތީނުގެ ނޫސްތައް ބުނާގޮތުގައި، އިސްރާއިލް ސިފައިން މި މީހާ ރަހީނުކޮށްގެން ދިޔައީ އިރުމަތީ ޤުދުސްގެ އަވަށެއް ކަމަށްވާ އިއްސާވިޔާ އިން އިއްޔެގެ ވަގުތެއްގައެވެ.

އިއްސާވިޔާގެ އޮފިޝަލަކު ނޫސްތަކުގައި ބުނެފައިވަނީ، އިސްރާއިލް ސިފައިން އެ އަވަށަށް އަރައި ޚާއްސަ އެހީއަށް ބޭނުންވާ މީހާ ރަހީނުކޮށްގެން ދިޔައީ އޭނާގެ ގޭގައި ހުއްޓައެވެ. އަދި އެއަށްފަހު ގެއިން އޭނާ ނެރެ އޭނާ ވަށާލައިގެން ތިބި އެކި ގޮތްގޮތުން އަނިޔާކޮށް ހެދި ކަމަށްވެސް އޮފިޝަލް ބުނެފައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި އިއްޔެ ފަލަސްތީނުން ރަހީނުކުރި ޚާއްސަ އެހީއަށް ބޭނުންވާ މީހާއަކީ އުފަންވީއްސުރެ، ސިއްޙީ މައްސަލައެއް ކުރިމަތިވެފައިވާ ބަލި މީހެކެވެ. އިސްރާއިލްގެ ޔަހޫދީ ސިފައިން އޭނާ ރަހީނުކޮށްގެން ދިޔައީ ކޮން ސަބަބަކާއި ހުރެ ކަމެއް އަދި އެނގިފައެއް ނުވެއެވެ.

އާންމު ގޮތެއްގައި މިގޮތުގެ މަތީން އިސްރާއިލް ސިފައިން ރަހީނުކޮށްގެންދާ މީހުން އާއިލާތަކަށް ފޮރުވައިގެން އިސްރާއިލްގެ ޖަލުތަކަށް ލައި އެކި ގޮތްގޮތުން އަނިޔާކޮށް ހަދައެވެ. އަދި އެތައް އަހަރުތަކެއް ވަންދެން އެމީހުން މިގޮތުގައި ބައިތިއްބައެވެ.

އިސްރާއިލް ސިފައިން މުސްލިމުންގެ ޚާއްސަ ދުވަސްތަކާއި ދިމާކޮށް މުސްލިމުންނާއި ދެކޮޅަށް މިފަދަ ލާއިންސާނީ އަމަލުތައް އިތުރު ކުރަމުންދާއިރު، ނިމިދިޔަ އަޟްހާ ޢީދު ދުވަހާއި ދިމާކޮށް، ޤުދުސްގައި ހުންނަ މަސްޖިދުލް އަޤްސާއަށްވެސް ވަދެފައި ވެއެވެ. އެ ދުވަހު މިސްކިތުގައި ތިބި ގިނަ ބަޔަކަށް އަނިޔާކޮށްފައި ވާއިރު، ބައެއް މީހުން ރަހީނުކޮށްގެން ގެންދިޔައެވެ.