ނިއުޒިލޭންޑުގެ ޖަޒީރާ ރަށަކަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުން އައިސްފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގައި، އެ ޤައުމުގައި އޮންނަ ކާޑެމިކް އައިލޭންޑްސް އަށެވެ.

ބިންހެލުންތައް މޮނިޓާކުރާ ބައިނަލްއަޤުވާމީ އިދާރާއެއް ކަމަށްވާ ޔޫރަޕިއަން މެޑިޓަރޭނިއަން ސެއިސްމޮލޮޖިކަލް ސެންޓަރުން ބުނީ، މި ބިންހެލުން އައީ ކާޑެމިކް އައިލޭންޑްސްގެ ބިމުގެ ދިހަ ކިލޯމީޓަރު އަޑިން، ރެކްޓަރ މިންގަނޑުން 5.2 ގެ ބާރުމިނުގައި ކަމަށެވެ.

މި ބިންހެލުމާއި ގުޅިގެން އެ ރަށަށް ލިބުނު ގެއްލުމެއް އަދި އެނގިފައި ނުވެއެވެ.

މި ބިންހެލުން އައުމުގެ ކުރިންވެސް މިއަދު ހެނދުނުގެ ވަގުތެއްގައި އެ ސަރަޙައްދަށް ބާރުގަދަ ލޮޅުންތައް އައިސްފައިވާ ކަމަށް ބިންހެލުންތައް މޮނިޓާކުރާ ފަރާތްތަކުން ބުނެފައި ވެއެވެ.

މިއަދު ކާޑެމިކް އައިލޭންޑްސްއަށް ރެކްޓަރ މިންގަނޑުން 5.2 ގެ ބިންހެލުމެއް އައިއިރު، އިއްޔެ އެޤައުމުގެ އެހެން ސަރަޙައްދަކަށް ރެކްޓަރ މިންގަނޑުން 5.4 ގެ ބާރުމިނުގައި ވެސް ބިންހެލުމެއް އައިސްފައި ވެއެވެ.