ޗައިނާގެ މައި ބިމާއި މެކާއޯ އަދި ހޮންގ ކޮންގ ގުޅުވައިދޭ، ދުނިޔޭގައި ކަނޑު ހުރަސްކޮށް އަޅާފައިވާ އެންމެ ދިގު ބްރިޖު ހުޅުވުމަށް ތައްޔާރުވަމުންދާކަމަށް ޗައިނާއިން ހާމަކޮށްފިއެވެ.

އެޤައުމުގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ ބައިނަލްއަޤުވާމީ މީޑިޔާތަކުން ބުނެފައިވާ ގޮތުގައި ބްރިޖު ހުޅުވުމުގެ ގޮތުން އެހެން ބައެއް ޤައުމުތަކުގެ ތަޖުރިބާކާރުންނަށާއި ނޫސްވެރިންނަށް ބްރިޖު ދައްކާލާ، ފެންވަރު ވަޒަން ކުރުމުގެ ފުރުޞަތު ދިނުމަށްވަނީ ނިންމާފައެވެ. އެހެންނަމަވެސް، ބްރިޖު ރަސްމީކޮށް ހުޅުވާނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

އެގޮތުން، އެމެރިކާ، އިނގިރޭސިވިލާތް، ޑެންމާކް، ސްވިޓްޒަލޭންޑް، ޖަޕާން އަދި ނެދަރލެންޑުގެ ތަޖުރިބާކާރުންގެ ޓީމެއް، ބްރިޖު ވަޒަންކުރުމަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

މި ބްރިޖު ބިނާކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ނުރައްކާތެރި ޙާދިސާތަކެއްވެސް ހިނގާފައިވާއިރު، މިކަމާ ގުޅިގެން މި މަޝްރޫޢަށް އެތައް ބަޔަކު ފާޑުކިޔާފައިވެސްވެއެވެ. އެހެންނަމަވެސް، މިކަންކަމަށް ގޮންޖަހާލުމަށްފަހު، ޗައިނާއިންވަނީ މިކަން ކާމިޔާބުކޮށްފައެވެ. އަދި، މިއީ ދުނިޔޭގެ އުމްރާނީ ތަރައްޤީގެ އެންމެ ވަރުގަދަ މަޝްރޫޢުގެ ގޮތުގައިވަނީ ފާހަގަކޮށްފައެވެ.

ޗައިނާއިން ހާމަކޮށްފައިވާ ގޮތުގައި، ބްރިޖު ހުޅުވުމުން ކޮންމެ ދުވަހަކުވެސް 40،000 އުޅަނދު މި ބްރިޖު މަތިން ދަތުރުކުރާނެކަމަށް ބެލެވެއެވެ. އޭގެތެރޭގައި ޝަޓަލް ބަސްތައްވެސް ހިމެނެއެވެ.

މި މަޝްރޫޢުގެ އިތުރުން، ހޮންގ ކޮންގ އާއި މެކާއޯ އަށް ޗައިނާއިން ހައި ސްޕީޑް ރޭލު ލިންކެއް ގުޅާލުމުގެ ބިޔަ މަޝްރޫޢެއް ހިންގުމަށްވެސްވަނީ ނިންމާފައެވެ.

ހޮންގ ކޮންގ އާއި މެކާއޯ އަކީ ޗައިނާގެ ދަށުގައި އޮތްކަމުގައިވިޔަސް، މިނިވަން ދެ ސަރަޙައްދުގެ ގޮތުގައި ހިންގަމުންދާ ތަންތަނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަންދު

    ކޮބާ ހީވޭ ތަ ޗައިނާ މިއޮތީ މުޅިދުނިޔެ ސިއްސުވާލާފަ އެހެންވެ އަހަރެމެންވެސް ޗައިނާ އާ މިގުޅުން ބަދަހިކުރަނީ