މިއަހަރުގެ ހައްޖު މޫސުން ފެށުނު ފަހުން މިހާތަނަށް 50 އަށް ވުރެ ގިނަ ހައްޖުވެރިން ސައުދީ އަރަބިއްޔާގައި ނިޔާވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މިއަހަރު ވެސް 2.5 މިލިއަން މީހުން ވަނީ ސައުދީ އަރަބިއްޔާ އަށް ގޮސް ހައްޖުގެ މަތިވެރި އަޅުކަން ފުރިހަމަ ކޮށްފައެވެ. ހައްޖު މޫސުމުގައި ނިޔާވި ހައްޖުވެރިންގެ ރަސްމީ ތަފާސް ހިސާބުތަކެއް ސައުދީ އަރަބިއްޔާގެ ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް އެކި ގައުމުތަކުން މިހާތަނަށް ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ހައްޖު މޫސުމުގައި ނިޔާވި ހައްޖުވެރިންގެ އަދަދު 50 އަށް ވުރެ ގިނައެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތައް ބަލާއިރު ނިޔާވި ހައްޖުވެރިންގެ ތެރެއިން އެންމެ ގިނަ މީހުން ނިސްބަތްވަނީ ތުރުކީ އަށެވެ. ތުރުކީގެ ރިލިޖަސް އެފެއާޒް އިން މީޑިއާ އަށް މައުލޫމާތު ދީފައިވާ ގޮތުގައި އޮގަސްޓް މަހުގެ 12 ވަނަ ދުވަހާއި ހަމައަށް އެގައުމުގެ 28 ހައްޖުވެރިޔަކު ވަނީ ސަައުދީ އަރަބިއްޔާގައި ނިޔާވެފައެވެ.

ދެން އެންމެ ގިނައިން ނިޔާވެފައި ވަނީ ބަންގްލަދޭޝްގެ ހައްޖުވެރިންނެވެ. އެގައުމުގެ 16 ހައްޖުވެރިޔަކު ނިޔާވެފައިވެއެވެ. ނައިޖީރިއާގެ ނުވަ ހައްޖުވެރިޔަކު ނިޔާވެފައި ވާއިރު ފިލިޕީންސްގެ ފަސް ހައްޖުވެރިޔަކު ވެސް ވަނީ ނިޔާވެފައެވެ.

ހައްޖުވެރިން ނިޔާވި ސަބަބެއް އެގައުމުތަކުގެ ސަރުކާރުތަކުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މީޑިއާތަކުން ބުނާ ގޮތުގައި އެކްސިޑެންޓެއްގައި ނުވަތަ ކުއްލި ހާދިސާއެއް ދިމާވެގެން މިއަހަރު އެއްވެސް ހައްޖުވެރިޔަކު ނިޔާވިކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. ހައްޖުވެރިން ނިޔާވެފައި ވަނީ ސިއްހީ ކޮންމެވެސް މައްސަލައެއް ދިމާވެގެން ކަމަށާއި ގިނައިން ނިޔާވެފައި ވަނީ އުމުރުން ދުވަސްވެފައިވާ ހައްޖުވެރިން ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ފަހު މިހާރު ބައެއް ގައުމުތަކުގެ ހައްޖުވެރިން އަންނަނީ އެނބުރި ގައުމަށް ދިއުމަށް ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަޅުގަނޑު

    އިންނާ ލިﷲ ވައިންނާ އިލައިހި ރާޖިއޫން

    21
    1
  2. ޤައުމީ ރޫހު

    إنا لله وإنا إليه راجعون اللهم اغفر له وارحمه وعافه واعف عنه

    12
  3. ލަޔާން

    އެ ހައްޖުވެރިންގެ ފާފަ ފުއްސަވާ ސުވަރުގޭގެ ދާއިމީ ނިއުމައް ދެއްވާށި. އާމީން

    13