ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި އެމެރިކާގެ ބިލިއަނަރު ޖެފްރީ އެޕްސްޓެއިންގެ މަރާއި ގުޅިގެން ހައިރާން ކުރުވަނިވި ބައެއް ސުވާލުތައް އެމެރިކާގެ މީޑިއާތަކުން އުފައްދަން ފަށައިފިއެވެ.

އެމެރިކާގެ މެޓްރިޕޮލިޓަން ކަރެކްޝަނަލް ސެންޓަރުގައި ހުއްޓާ އަމިއްލައަށް ދަން ޖެހިގެން މަރުވި ކަމަށް ބުނާ ޖެފްރީގެ މަރަކީ އާދަޔާއި ހިލާފު ކަންތައްތަކެއް ހިމެނޭ މަރެއް ކަމަށް އެތައް ބަޔަކު ގަބޫލު ކުރެއެވެ.

ކޮންސްޕިރަސީ ތިއަރީތަކުގެ ތަޖުރިބާކާރުންނާއި ހަވާލާދީ "ފޮކްސް ނިއުސް" ގައި ބުނެފައި ވަނީ ޖެފްރީ އަމިއްލައަށް މަރުވެދާނެ ކަމަށް ގަބޫލެއް ނުކުރެވެއެވެ. އޭނާ މަރުވި ކަމަށް ދައްކާފައި ވަނީ ޑްރާމާއަކުން ކަމަށް އެނޫހުގައި ބުނެފައި ވެއެވެ.

"ޖެފްރީ ބެޑްޝީޓުން ދަން ޖެހިފައި ހުރިކަމަކަށް ގަބޫލެއް ނުކުރެވޭ. ބަޔަކަށް އެގޮތައް ފެނިފައި ވާނަމަ އަހަރެން ގަބޫލު ކުރަނީ ބޮޑީ ޑަބަލްއެއް ދަން ޖައްސާފައި ހުރީ ކަމަށް. ދަން ޖެހިގެން މަރުވެފައި މިއޮތީ ޖެފްރީ އާއި ވައްތަރު އެހެން މީހެއް. މިއީ އަސްލު ޖެފްރީ ސަލާމަތްކޮށް ޖަލުން ނެރެންވެގެން ކުރި ކަމެއް." ކޮންސްޕިރަސީ ތިއަރީއެއްގައި ބުނެފައި ވެއެވެ.

ޖެފްރީ ޖަލުން ނެރެން އެހެން މީހަކު އޭނާގެ ސިފަ ޖެއްސުމަށް ފަހު މަރާލީ ކަމަށް ބަޔަކު ގަބޫލު ކުރާ ސަބަބުތަކެއް ވެސް އެބަހުއްޓެވެ. އެއް ސަބަބަކީ އޭނާގެ ބާރުގަދަ ރަހުމަތްތެރިންނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ކުރީގެ ރައީސް ބިލް ކްލިންޓަން ފަދަ އެމެރިކާގެ ސިޔާސީ ދާއިރާގެ ބާރުގަދަ އެތައް ބަޔަކާއި ޖެފްރީ އާއި ގާތް ގުޅުމެއް އޮވެއެވެ. މީގެ އިތުރުން ދުނިޔެއަށް މަޝްހޫރު އެތައް ބިލިއަނަރުންނަކީ ވެސް އޭނާގެ ގާތް ރަހުމަތްތެރިންނެވެ.

ޖެފްރީގެ މަރާއި ގުޅޭ ގޮތުން ސުވާލު އުފައްދާ އެހެން މީހުން ބުނާ ގޮތުގައި ޖެފްރީ މަރާލާފައި ވަނީ އޭނާ އާއި އެކު ކުޑަކުދިންނާއި ބެހުނު ބާރުގަދަ ބައެއްގެ ނަން ޖެފްރީ ހާމަކޮށްފާނެތީއެވެ.

ޖެފްރީ އަކީ ރަޝިއާގެ ޖާސޫސެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެއެވެ. ޖެފްރީ އާއި ދެކޮޅަށް އެފްބީއައި އިން ތަޙްޤީޤު ފެށުމުން އެހަޤީޤަތް ހާމަވެދާނެތީ ރަޝިއާ އިން "އެޖެންޓުން" ފޮނުވައިގެން ޖެފްރީ މަރާލާ ކަމަށް ވެސް އެއްބަޔަކު އެބަބުނެއެވެ.

ޖެފްރީ މަރުވި ސަބަބު ހޯދަން އެމެރިކާގެ އިދާރާތަކުން ގެންދަނީ ތަޙްޤީޤު ކުރަމުންނެވެ. ފުރަތަމަ ހެެދި ޓެސްޓްތަކުން އޭނާ މަރުވީ ދަންޖެހިގެން ކަމަށް ސީދާ ނިންމެން ނެތުމުން އިތުރު ޓެސްޓްތަކެއް ހަދަމުންދާ ކަމަށް އެމެރިކާގެ އިދާރާތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު