2011 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާއި ހަމައަށް ކިރިގިސްތާނުގައި ވެރިކަން ކުރެއްވި ކުރީގެ ރައީސް އަލްމަޒްބެކް އަޓަމްބެޔެވް "ބަޣާވަތެއް" ގެންނަަަން އުޅުނު ކަމަށް އެގައުމުގެ ސަލާމަތީ ބާރުތަކުން ކަމަށް ތުހުމަތު ކޮށްފި އެވެ.

މެދުތެރޭ އޭޝިއާގެ ގައުމެއް ކަމަށްވާ ކިރިގިސްތާނުގެ ކުރީގެ ރައީސް އަލްމަޒްބެކް އަޓަމްބެޔެވް ވަނީ އަމިއްލަ ގެކޮޅުގައި ހުންނަވަނިކޮށް އިއްޔެ ހައްޔަރުކޮށްފައެވެ.

ކިރިގިސްތާނުގެ ސިފައިންގެ އިސްވެރިޔާ އޮރުޒްބެކް އޮޕުމްބަޔެވް ވިދާޅުވީ، ކުރީގެ ރައީސް މަސައްކަތް ކުރެއްވީ ރައްޔިތުންތަކެއް މަރާލުމަށް ފަހު އެ ގައުމަށް ''ބަޣާވާތެއް'' ގެންނަން ކަމަށެވެ.

ފުލުހުން އަޓަމްބެޔެވް ހައްޔަރު ކޮށްފައިވަނީ، އެމަނިކުފާނަށް ތާއިދު ކުރާ ފަރާތްތަކާއި ފުލުހުންނާ ދެމެދު ކުރިމަތުލުންތަކެއް ހިނގާ އެކަކު މަރުވެފައި ވަނި ކޮށެވެ.

އަޓަމްބެޔެވް ހައްޔަރުކުރުމުގެ ތެރޭގައި ސަލާމަތީ ބާރުތަކުގެ އެއް އޮފިސަރަކު މަރުވެފައިވާއިރު 150 މީހުން ވަނީ ޒަހަމްވެފައެވެ. އަދި ހޮސްޕިޓަލުގައި 53 މީހުންނަށް އަންނަނީ ފަރުވާ ދެމުންނެވެ.

އަޓަމްބެޔެވް އޭނާގެ ވެރިކަމުގެ ދުވަސްވަރު ނުރައްކާތެރި ކުށްވެރިޔަކު ޖަލުން ދޫކޮށްލި މައްސަލާގައި ފުލުހުން ކުރިން އޮތީ އޭނާ އާއި ސުވާލު ކުރަން ހަމަޖެހިފައެވެ.

އެޓަމްބަޔެވް މައްޗަށް ހިޔާނާތުގެ ތުހުމަތު ތަކެއް ވަނީ ކުރެވިފަ އެވެ. ބަޣާވާތެއް ކުރަން އުޅުމާއި މީހުންތަކެއް މަރާލުމަށް އަޓެމްބެޔެވް މަސައްކަތް ކުރެއްވި މައްސަލައެއް ވެސް ތަހުގީގު ކުރަން ހަމަޖެހިފައިވާ ކަމަށް ފުލުހުން މިހާރު ބުނެއެވެ.

މިކަމާ ގުޅިގެން ކިރިގިސްތާންގެ މިހާރުގެ ރައީސް ސޫރޮންބައި ޖީންބެކޮވް ވިދާޅުވީ، އަޓަމްބެޔެވް ހައްޔަރުކުރީ ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށް ކަމަށެވެ.