ޗައިނާގެ ގިނަ އަދަދެއްގެ ޕެރަމިލިޓަރީ އޮފިސަރުން ހޮންކޮންގް އާއި ޗައިނާ ގުޅޭ ބޯޑަރު ކައިރިއަށް ޖަމާވާން ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

"ސީއެންއެން" އިން ބުނީ ޗައިނާގެ ޝެންޒެން ސިޓީ އަށް ޕީޕާލްސް އާމްޑް ޕޮލިސް ފޯސް (ޕީއޭޕީ) ގެ އޮފިސަރުން ޝީލްޑާއި މުގުރުބުރިއާއި އެކު ޖަމާވަމުންދާ ކަމަށެވެ. ފުލުހުން ޖަމާވަމުން ދަނީ އެސަރަހައްދުގައި ހުރި ބޭ ސްޕޯޓްސް ސެންޓަރަށެވެ. ސްޕޯޓްސް ސެންޓަރުގެ ސްޓޭޑިއަމްގެ އެތެރޭގައި މިހާރު ގިނަ އަދަދެއްގެ ފުލުހުން އެބަތިއްބެވެ.

ޗައިނާގެ ޕީއޭޕީ ގައި 1.5 މިލިއަން ފުލުހުން ތިބެއެވެ. އެއީ މުޒާހަރާތައް ރޫޅާލަން ހާއްސަކޮށްފައި އޮންނަ ފައުޖެކެވެ. މިފައުޖަކީ ސެންޓްރަލް މިލިޓަރީ ކޮމިޝަންގެ އޯޑަރަށް މަސައްކަތް ކުރާ ފައުޖެކެވެ. ސެންޓްރަލް މިލިޓަރީ ކޮމިޝަންގެ އިސް ބޭފުޅަކީ ޗައިނާގެ ރައީސް ޒީ ޖިންޕިންގ އެވެ.

ހޮންކޮންގްގެ ބޯޑަރު ކައިރިއަށް ޗައިނާގެ ފުލުހުން ޖަމާވާން ފަށާފައި މިވަނީ ހޮންކޮންގްގައި ކުރިއަށްދާ މުޒާހަރާ ރޫޅާލަން ހޮންކޮންގްގެ ކޯޓަކުން އިއްޔެ ފުލުހުންނަށް އަމުރު ކޮށްފައި ވަނިކޮށެވެ.

ނަމަވެސް ޗައިނާ ފުލުހުން މުޒާހަރާ ރޫޅާލުމުގެ ފުރަތަމަ މަރުހަލާގައި ބައިވެރިވާނެ ކަމެއް ނުވަތަ، ޗައިނާގެ ފުލުހުން ތިބޭނީ ހޮންކޮންގްގެ ފުލުހުން އެހީތެރިކަމަކަށް އެދިއްޖެ ނަމަ ކުއްލި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދޭން ކަމެއް އަދި ކަށަވަރެއް ނުވެއެވެ.

ހޮންކޮންގްގައި ކުރަމުން ގެންދާ މުޒާހަރާތަކުގެ ސަބަބުން ހޮންކޮންގް އާއި ޗައިނާގެ އިތުރުން މުޅި އޭޝިއާ ސަރަހައްދުގެ އިޤުތިޞާދަށް ވެސް ނުރަނގަޅު އަސަރުތަކެއް ކުރުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ހޮންކޮންގް އަކީ އޭޝިއާ ސަރަހައްދުގެ ފައިނޭޝަނަލް ހަބެވެ. އެހެންކަމުން ހޮންކޮންގް ހުއްޓުމަކަށް އައުމަކީ އޭޝިއާގެ އިޤުތިޞާދަށް އޮތް ނުރައްކަލެކެވެ.