ކޮންޓްރޯލް ގެއްލިފައިވާ ޗައިނާގެ ޖައްވީ އިދާރާ، "ޓިއެންގޮންގް-1" މިއަދުގެ ވަގުތެއްގައި، ދުނިޔޭގެ އެންމެ ބިޔަ ކަނޑު ކަމުގައިވާ ޕެސިފިކް ކަނޑަށް ވެއްޓިފައިވާ ކަމަށް އެޤައުމުގެ ޖައްވީ އިދާރާއިން ހާމަކޮށްފިއެވެ.

"ޓިއެންގޮންގް-1" ވެއްޓިފައިވަނީ ޕެސިފިކް ކަނޑުގެ ދެކުނުގެ ސަރަޙައްދަކަށް ޗައިނާ ގަޑިން މިއަދު ހެނދުނު 8:15 ހާއިރުއެވެ. "ޓިއެންގޮންގް-1" ވެއްޓިފައިވާކަން އެމެރިކާގެ މިލިޓަރީ ޖޮއިންޓް ފޯސް ސްޕޭސް ކޮމްޕޮނެންޓް ކޮމާންޑް (ޖޭއެފްއެސްސީސީ) އިންވެސް ވަނީ ކަށަވަރުކޮށްފީފައެވެ.

މި ބިޔަ ޖައްވީ އިދާރާ ދުނިޔެއަށް ވެއްޓޭނެކަން މިދިޔަ އަހަރުގެ ފަހުކޮޅުވެސް ޗައިނާގެ ކަމާއި ބެހޭ ފަރާތްތަކުން ހާމަކޮށްފައިވާއިރު، އެ އިދާރާ މިއަދު ދުނިޔެއަށް ވެއްޓުނީ ކުރިން ބެލެވުނު ސަރަޙައްދުތަކަށްވުރެ އެތައް މޭލެއް ދެކުނަށެވެ. ކުރިން މި އިދާރާ ވެއްޓޭނެ ކަމަށް އެންމެ ބޮޑަށް ލަފާ ބެލެވިފައި އޮތީ އެމެރިކާގެ އުތުރުގެ ސަރަޙައްދަކަށެވެ.

ޕެސިފިކް ކަނޑަށް "ޓިއެންގޮންގް-1" ވެއްޓުމާއި އެކު އެ އިދާރާ ވެއްޓުނު ސަރަޙައްދަށް ދިއުމަށް ޗައިނާގެ ޖައްވީ ކަންކަމާއި ގުޅޭ ޚާއްސަ ޓީމަކުން މިހާރު މަސައްކަތްކުރަމުންދާއިރު، އިދާރާގެ އެންމެހައި ކަންކަމެއް ގާތުން ބަލަމުންދާ ކަމަށް އެ ޓީމުގެ ފަރާތުން ބުނެފައިވެއެވެ.

މިއަދު "ޓިއެންގޮންގް-1" ދުނިޔޭގެ ވައިގެ ފަށަލަތަކުން އެތެރެވެ ވައިގެ "ފްރިކްޝަން"ގެ ސަބަބުން އޭގެ ބޮޑު ބައެއް އަނދައި ހުލިވެގެން ދިޔައިރު އެ އިދާރާގައި ބޭނުންކުރަމުންދިޔަ ހުރިހައި ޕެނަލެއްހެން އަނދާފައިވާ ކަމަށް "ޓިއެންގޮންގް-1"ގެ ކަންތައްތައް ބަލަމުންދާ ޗައިނާގެ އޮފިޝަލުން ބުނެފައިވެއެވެ.

ބަރުދަނުގައި 8.5 ޓަނު ހުންނަ "ޓިއެންގޮންގް-1"ގައި ގިނަ ޢަދަދެއްގެ ވިހަ ގޭހާއި ނުރައްކާތެރި މާއްދާތައް ހުރިއިރު، އެ ތަކެތި ރައްކާތެރިކަމާއި އެކު ނައްތާލުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށް ޗައިނާގެ ޖައްވީ އިދާރާއިން ބުނެފައި ވެއެވެ.

2011 ވަނަ އަހަރުގެ ތެރޭގައި ލޯންޗް ކުރެވުނު "ޓިއެންގޮންގް-1"ގައި އެންމެ ފަހުން އެސްޓްރޮނޯޓުންތަކެއް ޙަރަކާތްތެރިވެފައި ވަނީ 2013 ވަނަ އަހަރުގައެވެ. އެއަށްފަހު ދިމާވި ޓެކްނިކަލް މައްސަލައެއްގައި 2016 ވަނަ އަހަރު އެ އިދާރާގެ ކޮންޓްރޯލް ގެއްލުނުއިރު، ދުނިޔެ ވަށައިގެން ޖުމްލަ 37،344 ފަހަރު ބުރު ޖަހާފައި ވެއެވެ.

ޗައިނާއިން ވަނީ "ޓިއެންގޮންގް-1"ގެ ކޮންޓްރޯލް ގެއްލުމުން "ޓިއެންގޮންގް-2"ގެ ނަމުގައި އިތުރު ޖައްވީ އިދާރާއެއް ދުނިޔޭގެ ވައިގެ ފަށަލަތަކުގެ ބޭރުގައި ޤާއިމްކޮށްފައެވެ. "ޓިއެންގޮންގް-2"ގެ މައިގަނޑު މަސައްކަތަކަށް ވެފައި ވަނީ ދުނިޔޭގެ ވައިގެ ފަށަލަތަކުން ބޭރުން ފަޒާގައި، އިންސާނުންނަށް ދިރިއުޅެވޭފަދަ ނިޒާމެއް ޤާއިމް ކުރުމެވެ. އެ މަސައްކަތުގެ ދަށުން ދާއިމީ ޖައްވީ އިދާރާއެއް 2024 ވަނަ އަހަރު، "ޓިއެންގޮންގް-3"ގެ ނަމުގައި ޗައިނާއިން ވަނީ ލޯންޗް ކުރުމަށް ނިންމާފައެވެ.

ޖައްވީ އުޅަނދެއް ނުވަތަ ސެޓެލައިޓެއް ދުނިޔެއަށް ވެއްޓުމަކީ އަލަށް ދިމާވި ކަމެއް ނޫނެވެ. މީގެ ކުރިންވެސް، ވަކި މުއްދަތަކަށް ބޭނުން ކުރުމަށް ޖައްވަށް ފޮނުވާލެވޭ ޖައްވީ އުޅަނދުތައް އެތަކެތީގެ މަސައްކަތް ނިމުމުން ދުނިޔެއަށް ވެއްޓިފައިވާއިރު، "ބުރުޖު ކުނި" ކޮޅަކުން އިންސާނެއްގެ ގައިގައި ޖެހިފައި ވަނީ ޖުމްލަ ދެއ ފަހަރެއްގައެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.

"ޓިއެންގޮންގް-1" އަކީ ކުރިން ދުނިޔެއަށް ވެއްޓުނު އެފަދަ ތަކެއްޗާއި ބަލާއިރު ބިޔަ އިދާރާއަކަށް ވާއިރު، އޭގެ ސަބަބުން ނުރައްކާތެރި ޙާލަތެއް ކުރިމަތި ވުމުގެ ފުރުސަތު އޮތް ކަމަށް މީގެ ކުރިން ތަޖުރިބާކާރުން ބުނެފައި ވެއެވެ.