އެމެރިކާގެ އެންމެ ފުރަތަމަ އަންހެން ދެ ކޮންގްރެސް މެމްބަރުން ކަމަށްވާ އިލްހާން އޮމަރު އާއި ރަޝީދާ ތުލައިބް އިސްރާއިލްއަށް އެތެރެވުން މަނާކޮށްފިއެވެ.

އިސްރާއިލް އިން މި ނިންމުން ނިންމާފައިވަނީ، ޔަހޫދީންނަށް ވާގިވެރިވާ އެމެރިކާގެ ހައްދުފަހަނައަޅާފައިވާ ރައީސް، ޑޮނަލޑް ޓްރަމްޕް އެފަދަ ނިންމުމަކަށް ބާރުއަޅާ ޓްވީޓެއް ކުރިތާ މާގިނައިރެއް ނުވަނީހެވެ. އެ ޓްވީޓުގައި ޓްރަމްޕް ބުނެފައިވަނީ، އިލްހާން އޮމަރު އާއި ރަޝީދާ ތުލައިބް އިސްރާއިލް އަށް އެތެރެވިޔަ ދީފިނަމަ އެއީ އިސްރާއިލްގެ ދެރަވަރުކަން ހާމަވެގެންދާނެ ކަމެއް ކަމަށެވެ.

އެ ޓްވީޓުގައި ޓްރަމްޕް އިތުރަށް ބުނެފައިވަނީ، މި ދެ މެމްބަރުންނަކީ އިސްރާއިލް އާއި އެޤައުމުގައި އުޅޭ ޔަހޫދީން ދެކެ އިންތިހާއަށް ރުޅި އަންނަ ބައެއް ކަމަށާއި، އެކަން ދުވަހަކުވެސް ބަދަލު ނުވާނެ ކަމަށެވެ.

ޓްރަމްޕްގެ މި ޓްވީޓާއެކު އިސްރާއިލް އަށް އިލްހާން އޮމަރު އާއި ރަޝީދާ ތުލައިބް އަށް ވަނުން މަނާކޮށް އެކަން އިސްރާއިލްގެ ކަމާއި ބެހޭ އިދާރާތަކުން ހާމަކޮށްފައިވާއިރު، އެ ދެމެމްބަރުން ފަލަސްތީނަށް ވަރަށް އަވަހަށް ދަތުރެއް ކުރެއްވުމަށް ހަމަޖެހިފައި ވެއެވެ. ފަލަސްތީނުގެ އިސް އޮފިޝަލުންގެ ދަޢުވަތަކަށް ދެ މެމްބަރުން ކުރައްވާ މި ދަތުރުގައި، އެޤައުމުގެ ރައްޔިތުން ދިރިއުޅެމުންދާ ހާލު ބެއްލެވުމަށް ވަނީ ނިންމާފައެވެ.

އިސްރާއިލްގެ ކުއްލި ނިންމުމާއެކު، އިލްހާން އޮމަރު އާއި ރަޝީދާ ތުލައިބް އަށް އިސްރާއިލް އިން އަތްގަދަކޮށްފައިވާ މުސްލިމުންގެ މުޤައްދަސް މިސްކިތް ކަމަށްވާ މަސްޖިދުލް އަޤްސާ ހިމެނޭހެން ޤުދުސްގެ ބޮޑު ސަރަޙައްދަކަށް އެތެރެވުން މަނާކޮށްފައިވާއިރު، މި ދެމެމްބަރުންނަކީ އިސްރާއިލް އިން ހުއްޓުމެއް ނެތި ފަލަސްތީނުގެ ބިމުގައި ހިންގަމުންދާ ޖަރީމާތަކާއި ދެކޮޅަށް ވަކާލާތުކުރަމުން ގެންދަވާ ދެ މެމްބަރުންނެވެ.

އެމެރިކާގެ މިނެސޯޓާ އާއި މިޗިގަން ތަމްސީލު ކުރައްވާ އިލްހާން އޮމަރު އާއި ރަޝީދާ ތުލައިބް މީގެ ކުރިން ވަނީ، އެމެރިކާއިން އިސްރާއިލްގެ ޖަރީމާތަކަށް ވާގިވެރިވަމުންދާތީ އެކަމާއި ދެކޮޅަށްވެސް އަޑުއުފުލާފައެވެ.

މި ދެމެމްބަރުން އިސްރާއިލްއަށް އެތެރެވުން މިހާރު މަނާކޮށްފައިވާއިރު، އިސްރާއިލް އިން ފަލަސްތީނުގައި ހިންގަމުންދާ ނޭއްގާނީ ހަރަކާތްތަކާއި ދެކޮޅުވެރިވާ ފަރާތްތައް އެޤައުމަށް ވަނުން މަނާ ކުރުމުގެ އިޚްތިޔާރު، ޤާނޫނުން އެޤައުމުގެ އިދާރާތަކަށް ލިބިދީފައި އޮވެއެވެ.

ކިޔުންތެރިންގެ ހިޔާލު