އިސްރާއިލް އިން އައްޒާ އަށް ވައިގެމަގުން ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

އިސްރާއިލް އަށް އަމާޒުކޮށް ކުރިން ޣައްޒާއިން ފޮނުވާލި ރޮކެޓް ހަމަލާތަކަށް ރައްދު ދިނުމަށް ކަމަށް ބުނެ އައްޒާއަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

އިސްރާއިލްގެ ސިފައިން ބުނި ގޮތުގައި ވައިގެ ހަމަލާތަށް ދިނީ އައްޒާގައި ހަރަކާތްތެރިވާ ހަމާސް ޖަމާއަތުގެ ބިންގަރާސް ތަކަކަށް ކަމަށެވެ. ނަމަވެސް އާންމުވެފައިވާ ފޮޓޯތަކާއި ވީޑިއޯއަކުން އައްޒާގެ ގިނަ އަދަދެއްގެ އިމާރާތްތަށް ގޮވާ މަންޒަރު ފެނެއެވެ. މީގެ އިތުރުން ޣައްޒާގެ ގިނަ އަދަދެއްގެ ދަނޑުބިންތަކަށްވެސް ހަމަލާތައް އަމާޒުކޮށްފައިވާ ކަމުގެ ޚަބަރު ވަނީ ފެތުރިފައެވެ.

ވައިގެ މަގުން ދިން ހަމަލާގައި އައްޒާގެ އެއްްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ. އިސްރާއީލުން ބުނީ ހަމާސް އިން ދޭ ރޮކެޓް ހަމަލާތަކުގެ ރައްދު ކުރިއަށް އޮތްތާގައިވެސް ދޭނެ ކަމަށެވެ.

ރޮކެޓް ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ކަމަށް ބުނެ މީގެ ކުރިންވެސް ދޭތެރެ ދޭތެރެއިން އިސްރާއިލް ސިފައިން ޣައްޒާއަށް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދެއެވެ. އެ ހަމަލާތަކުގައި ކޮންމެ ފަހަރަކުވެސް އެތައް އިމާރާތެއް ބިމާއި ހަމަކޮށް ޣައްޒާގެ ރައްޔިތުންނަށް ބޮޑެތި ގެއްލުން ލިބިގެންދެއެވެ.

އިސްރާއިލްގެ ޖަރީމާތަކަށް ރައްދު ދިނުމުގެ ގޮތުން މިދިޔަ ރޯދަމަސް ފެށުމާއި ދިމާކޮށް އިސްރާއީލަށް އަމާޒުކޮށް 600 އަށްވުރެ ގިނަ ރޮކެޓް ހަމާސް އިން ފޮނުވާލާފައި ވެއެވެ. އެ ހަމަލާތަކާއި ގުޅިގެން އިސްރާއީލުން ބަދަލުގައި ޣައްޒާގެ މީހުން ދިރިއުޅޭ 200 އެއްހައި ސަރަޙައްދަށް ހަމަލާތަކެއް ދީފައިވެއެވެ. އެ ހަމަލާތަކުގައި ޝަހީދުވި މުސްލިމުންގެ ޢަދަދު ވަނީ 25 އަށް އަރާފައެވެ. މި ހަމަލާތަކުގައި އިސްރާއިލްގެ 4 ޔަހޫދީއަކު ވެސް ވަނީ މަރުވެފައެވެ.