އީރާނުގެ ތެޔޮ ޓެންކަރު “ގްރޭސް 1” ދޫކޮށްލުމަށް ޖިބްރޯލްޓާގެ ފަނޑިޔާރު އަންގާފައިވަނިކޮށް އެމެރިކާއިން އަނެއްކާވެސް އެ ޓޭންކަރު ހިފެހެއްޓުމަށް އެދިއްޖެއެވެ.

އިރާނުގެ އަމަލަކީ އިންޓަރނޭޝަނަލް އެމަރޖެންސީ އިކޮނޮމިކް ޕަވަރސް އެކްޓް (އައިއީއީޕީއޭ) އާ ޚިލާފު އަމަލެއް ކަމަށާއި، ބޭންކް ފްރޯޑާއި، މަނީ ލޯންޑަރިންގ ހިމެނޭ ކަމަށް އެމެރިކާގެ އަމުރުގައި ވަނީ ބުނެފައެވެ. އަދި ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފަށް، އެ ޓޭންކަރުން ސީރިއާ އަށް ތެޔޮ އުފުލާ ކަމުގެ ތުހުމަތު ވެސް އެމެރިކާއިން ކޮށްފައިވެއެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން މީގެ ކުރިން ޓޭންކަރު ދޫކޮށްނުލުމަށް ކޯޓުގައި އެދިފައިވީނަމަވެސް އެއީ ރަސްމީ ހުށަހެޅުމެއްގެ ގޮތުގައި އޭރު ޖިބްރޯލްޓާގެ ސުޕްރީމް ކޯޓުން ބަލައިގެންފައެއްނުވެއެވެ.

އެތުހުމަތުތަކަށް އިރާނުން ދެކޮޅު ހަދާފައިވާއިރު “ގްރޭސް 1” ހިފެހެއްޓުމާ ގުޅިގެން އިނގިރޭސިވިލާތާއި އީރާނާ ދެމެދުވެސް ވަނީ ނުތަނަވަސްކަން އުފެދިގެން ގޮސްފައެވެ.

އެމެރިކާއިން ވަނީ އީރާނާ ދެމެދު ދަތިކުރުމުގެ ފިޔަވަޅުވެސް ވަރުގަދަކޮށްފައެވެ. އަދި އީރާން ސަރުކާރުގެ އިސް އޮފިޝަލުންގެ އިތުރުން އެ ގައުމުގެ ރޫހާނީ ލީޑަރު އާޔަތުއްﷲ އަލީ ހާމަނާއީއާ ދެކޮޅަށް ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

ތެޔޮ ޓޭންކަރު ހިފެހެއްޓުމުގެ މައްސަލައިގައި އީރާނުންވެސް އޮތީ އެމެރިކާއަށް ދުލެއް ނުދޭނެ ކަމުގެ އިންޒާރު ދީފައެވެ. އެގޮތުން ދެޤައުމުގެ ދެމެދުގައި ކޯޅުން އިތުރުވެ، ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ނުރައްކާ ކުރިން އޮތީ ވަރަށް ބޮޑުވެފައެވެ.