އެމެރިކާގެ ނޭޝަނަލް އެސޯސިއޭޝަން ފޯ ސްޓޮކް ކާރ އޮޓޯ ރޭސިންގް (ނަސްކާ) ރޭސިންގްގެ ލެޖެންޑް، ޑޭލް އިއާންހާޓް ޖޫނިއާ އާއި އޭނާގެ އަނބިމީހާ އާއި އެއް އަހަރުގެ ތުއްތު ދަތިފުޅު ދަތުރުކުރި އެމީހުންގެ ޕްރައިވެޓް ޖެޓް ވެއްޓިއްޖެއެވެ.

އެމެރިކާގެ ޓެނީސްގައި އޮންނަ އެލިޒަބެތްޓަން މުނިސިޕަލް އެއާޕޯޓުގައި އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި އަނިޔާވެގެން އެ މީހުންނަށް މިހާރު ފަރުވާދެމުންދާއިރު، ހާދިސާގައި އެއްވެސް މީހަކު މަރުވެފައި ނުވެއެވެ. ޑެލް އާއި އޭނާގެ އާއިލާގެ އިތުރުން ޖެޓުގައި އެވަގުތު ތިބީ ދެ ޕައިލެޓުންނެވެ.

ދިހަ މީހުންގެ ޖާގައިގެ މި ކުޑަ ޖެޓް ވެއްޓިފައި ވަނީ އެއާޕޯޓުގެ ޖައްސަން އުޅުނު ވަގުތު، ރަންވޭގެ ކޮޅުން ކައްސާލައިގެން ހިނގި ހާދިސާއަކަށްފަހު ކަމަށް އެމެރިކާގެ ނޫސްތައް ބުނެއެވެ. މި ހާދިސާގައި ޖެޓް ރަންވޭއިން ބޭރުވެ އެ ސަރަޙައްދުގައި އޮތް ވިނަގަނޑެއްގެ މަތީގައި އެނބުރެމުން ދިޔަ މަންޒަރު ބައެއް ފަރާތްތަކަށް ފެނުނުއިރު، ޖެޓުގައި ވަނީ އަލިފާންވެސް ރޯވެފައެވެ.

ނަމަވެސް ޑޭލް އާއި އޭނާގެ އާއިލާގެ އިތުރުން ޖެޓުގެގެ ދެ ޕައިލެޓުން ވަނީ ޖެޓު ވެއްޓުމާއެކު ސަލާމަތުން އެއިން ނިކުމެފައެވެ. އެމީހުން ވަގުތުން އެ ސަރަޙައްދުން ހޮސްޕިޓަލަކަށް ގެންގޮސް ފަރުވާދީފައިވާއިރު، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހާދިސާގައި ޖެޓުގައި ރޯވި އަލިފާންގަނޑުގެ ސަބަބުންއެ ޖެޓުގެ ފަހަތުކޮޅުން ބޮޑު ބައެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި އަޅިޔަށް ވެފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ރަސްމީ ފަރާތަކުން ހާމަކޮށްފައި ނުވާއިރު، ހާދިސާގެ ތަހުޤީޤެއް އެމެރިކާގެ ނޭޝަނަލް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުން މިހާރު ދަނީ ކުރަމުންނެވެ.