ފުލުހުންނަކީ ކުށްތަށް މަނާކޮށް، ރައްޔިތުން ހިމާޔަތް ކޮށްދޭން ތިބޭ ބައެކެވެ. ނަމަވެސް، ބައެއް ފުލުހުން އެމީހުންގެ ޒިންމާތައް ހަންދާން ނެތި، އަމިއްލަ އެދުން އިސްކުރުމުން ކުށެއް ނެތް އެތައް ބައެއްގެ ހައްގުތައް ނިގުޅައިގެން ދާކަމީ އެންމެނަށްވެސް އެނގޭ ހަގީގަތެކެވެ. މިގޮތުން، މެކްސިކޯގައި މިވަނީ ފުލުހުން އިސްވެ ތިބެ ކުރާ ރޭޕްތައް އެ ގައުމުގައި އާއްމުވުމުން އެކަމާއި ދެކޮޅަށް މުޒާހަރާ ކުރަން ފަށާފައެވެ.

ހުކުރު ދުވަހު މެކްސިކޯގެ އެތައް ސަތޭކަ އަންހެނުންތަކެއް އިސްވެ ތިބެގެން ކުރި މި މުޒާހަރާގައި ފުލުހުންގެ ފަރާތުން ހިމާޔަތްކަން ނުލިބޭ އިރު، އެމީހުން ބުނެފައި ވަނީ ހިމާޔަތް ހޯދަން ޖެހިފައި މިވަނީ އާއިލާ އާއި ހެޔޮ އެދޭ ރަހުމަތްތެރިން ފަރާތުން ކަމަށެވެ.

މި މުޒާހަރާ ހޫނުވެ، ބަސް ސްޓޭޝަނަކަށް ގެއްލުން ދީފައި ވާއިރު، މުޒާހަރާގެ ބައިވެރިން މިސްރާބު ޖަހާފައި ވަނީ ޕޮލިސް ސްޓޭޝަނަކާއި ދިމާލަށެވެ. އެ ސްޓޭޝަންގެ ބިއްލޫރި ތަކާއި ދޮރުތައް ހަލާކުކޮށްލުމަށް ފަހު ބައިވެރިން ވަނީ އެ އިމާރާތުގެ ދެވަނަ ފަންގިފިލާގައި ހުޅު ޖަހައި އަލިފާންވެސް ރޯކޮށްލާފައެވެ.

މެކްސިކޯގެ ފުލުހެއް އެ ގައުމުގެ މިއުސިއަމް އެއްގައި މަސައްކަތް ކުރާ އަންހެނަކު ރޭޕް ކުރި ކަމުގެ ތުހުމަތުގައި ދައުވާވެސް ކޮށްފައި ވާއިރު، މި މަހުގެ ކުރީ ކޮޅު ފުލުހުން ޕެޓްރޯލް ކުރުމަށް ގެންގުޅޭ ވެހިކަލް ތެރޭގައިވެސް އަންހެނަކު ވަނީ ރޭޕް ކޮށްލާފައެވެ.