ކަޝްމީރުގެ މައްސަލާގައި އިންޑިއާ އާއި ޕާކިސްތާނުން ހިންގަމުން އަންނަ ހަމަނުޖެހުން ތަކުގެ ތެރެއިން ޕާކިސްތާނުން އަނެއްކާވެސް އިންޑިއާގެ ސިފައިނެއް މަރާލައިފިއެވެ.

އިންޑިއާގެ ކަޝްމީރާއި ޕާކިސްތާނުގެ ކަޝްމީރު އިންވާ ހިސާބުގައި ދެ ގައުމުގެ ސިފައިން ބަޑީގެ ހަމަލާތައް ބަދަލު ކޮށްފައި ވާއިރު، މީގެ ކުރިން ޕާކިސްތާނުން ވަނީ އިންޑިއާގެ 6 ސިފައިން މަރާލާފައިކަން ފާހަގަކޮށްލެވެއެވެ. އަދި އިންޑިއާ އިން ވަނީ ޕާކިސްތާނުގެ 3 ސިފައިން ޝަހީދު ކޮށްލާފައެވެ.

ކަޝްމީރުގެ ހާލަތު ގޯސްވެގެން އުޅެނީ އިންޑިއާގެ ގާނޫނުއަސާސީގައި ކަޝްމީރަށް ބާރުތަކެއް ދިނުމާ ބެހޭ ގޮތުން އޮންނަ 370 ވަނަ މާއްދާ އިސްލާހުކޮށް ޖައްމޫ އާއި ކަޝްމީރަކީ ދެ ޔުނިއަން ޓެރިޓަރީސްގެ ގޮތުގައި ހަމަޖައްސަން އިންޑިއާ ސަރުކާރުން ނިންމުމުންނެވެ. މިހެން ހެދުމުން ކަޝްމީރުގެ ބަދަލު ވެގެން ދާނީ ގާނޫނުހަދާ މަޖިލީހެއް ނެތް ޔޫނިއަން ޓެރިޓަރީއަކަށެވެ.

އިންޑިއާ އިން ކަޝްމީރުގައި ކާފިއު އިއުލާންކޮށް، އާއްމު ރައްޔިތުންނަށް އަނިޔާ ކުރަމުން އަންނަ އިރުގައި، އެ ހިސާބުން ވަނީ މުވާސަލާތީ ހިދުމަތްތައް ކަނޑާލާފައެވެ. ނަމަވެސް މަޑުމަޑުން އެ ހިދުމަތްތައް އަލުން ދޭން ފަށާފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.

އިންޑިއާގެ ކަޝްމީރު ފަޅީގައި ނޫސްވެރިންނަށް އެމީހުންގެ މަސައްކަތްތައް ކުރަން ފިއްތުންތައް ކުރިމަތި ކުރުވަމުން ދިޔަ ނަމަވެސް، އެތަނުގެ ހާލަތު މުޅި ދުނިޔެ އިންވެސް އަންނަނީ ގާތުން ބަލަމުންނެވެ.