އިންޑިއާއިން ދީފާނެ ހަމަލާ އަކުން ގައުމު ދިފާއުކުރަން ރައްޔިތުންނާއި މުޅި ދިފާއީ ބާރު ތައްޔާރަށް އޮތްކަން ޕާކިސްތާނުން ހާމަކޮށްފިއެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓަރ ޝާހް މުހައްމަދު ކުރޭޝީ ބުނެފައި ވަނީ ކަޝްމީރުގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކުން ދުނިޔޭގެ ސަމާލުކަން ބަދަލު ކުރުމަށްޓަކައި އިންޑިއާއިން ޕާކިސްތާނަށް ހަމަލާއެއް ދީފާނެ ކަމަށާއި، އެފަދަ ހަމަލާއަކުން ދިފާއުވާން ތައްޔާރަށް ތިބި ކަމަށެވެ.

އެގައުމުގެ މޭޖާ ޖެނެރަލް އާސިފް ގަފޫރާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރޭޝީ މިހެން ބުނެފައި ވާއިރު، އެ ގައުމުން ވަނީ ޕާކިސްތާން އެމްބަސީ ހުންނަ ހުރިހާ ގައުމެއްގައި ކަޝްމީރުގެ ހަލާތު ބަޔާން ކުރުމަށް ހާއްސަ ޑެސްކެއް ގާއިމް ކުރުމަށްވެސް ނިންމާފައެވެ. މިއީ އިންޑިއާއިން ކުރަމުން ގެންދާ އިންސާނިއްޔަތުކަން ކުޑަ އަމަލުތައް މުޅި ދުނިޔެއަށް ބޭޒާރު ކުރުމުގެ ގޮތުން އެގައުމުން ކުރަން ނިންމާފައިވާ ކަމެކެވެ.

"މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކުންވެސް ވަނީ އެއްބަސްވެފައި ޖަވާހަރުލާލް ނެހުރޫ މިނިވަން ކޮށްދެއްވި އިންޑިއާ މަރާލާފައިވާ ކަމަށާއި މިހާރު އެއީ މޯދީގެ އިންޑިއާ ކަމަށް. އިންޑިއާ އިން ދީފާނެ ކޮންމެ ހާލަތަކަށްވެސް މުޅި ޕާކިސްތާނު އޮތީ ތައްޔާރަށް" ކުރޭޝީ ބުނެފައިވެއެވެ.

އދ ގެ ސަލާމަތާ ބެހޭ ކޮމިޓީއަށް ކަޝްމީރުގެ މައްސަލަ މިހާރު ހުށަހަޅާފައިވާއިރު، ޗައިނާއާއި ޕާކިސްތާނުގެ އެދުމުގެ މަތިން މިމައްސަލައާ ބެހޭ ގޮތުން އދ އާއެކު ބާއްވާފައި ވަނީ ސިއްރު ބައްދަލުވުމެކެވެ. އަދި އިންޑިއާގެ ކަޝްމީރު ފަޅީގައި ކާފިއު އިއުލާން ކޮށްފައި ވަނިކޮށްވެސް އިއްޔެގެ ހުކުރު ނަމާދަށް އެތައް ހާސް މުސްލިމުންނެއް ނިކުމެފައިވާކަން ފާހަގަކޮށްލެވެއެވެ.