ރޭގެ ވަގުތެއްގައި ބަންގްލަދޭޝްގެ ވެރިކަންކުރާ ޑާކާގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއެއްގައި އެ ޑިސްޓްރިކްޓުގެ 15000 އަށްވުރެ ގިނަ ގެ އަނދައި ހުލިވެއްޖެއެވެ.

ނޫސްތައް ބުނާގޮތުން މި ހާދިސާ އާއި ގުޅިގެން އެޤައުމުގެ ބައިލައްކައެއްހައި މީހުންގެ ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާއިރު، ގިނަ އަދަދެއްގެ ބަޔަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. ނަމަވެސް މި އަލިފާނުގެ ހާދިސާގައި މީހަކު މަރުވިކަމުގެ ރިޕޯޓް އަދި ލިބިފައި ނުވާކަމަށް ނޫސްތަކުން ބުނެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ކަށަވަރު ކުރެވިފައި ނުވާއިރު، ހާދިސާ ހިނގިއިރު އެ ސަރަޙައްދުގެ ގިނަ ބަޔަކު ތިބީ ނިމިދިޔަ އަޟްހާ ޢީދު ފާހަގަކުރުމަށް އެހެން ހިސާބުތަކަށް ގޮސްފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ހާދިސާ ހިނގުމާއެކު ބަންގްލަދޭޝްގެ ފަޔާފައިޓަރުންނާއި ކަމާއި ބެހޭ އެހެން އިދާރާތަކުން ވަގުތުން ހަރަކާތްތެރިވާން ފެށިއިރު، ރޯވި އަލިފާންގަނޑު ހަގަޑިއިރުގެ މަސައްކަތުން ނިއްވާލެވިފައިވާ ކަމަށް އޮފިޝަލުން ބުނެފައި ވެއެވެ. ނަމަވެސް މި ހާދިސާގައި އެތައް ހާސް ގެއެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

މި ހާދިސާގެ ތަހުޤީޤެއް މިހާރު ބަންގްލަދޭޝްގެ އިދާރާތަކުން ކުރިޔަށްގެންދާއިރު، ގެދޮރު ގެއްލުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް ބަންގްލަދޭޝް ސަރުކާރުން މިހާރު ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އިއްޔެ ޑާކާގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގާފައިވާއިރު، މިދިޔަ ފެބްރުއަރީ މަހުވެސް އެ ޑިސްޓްރިކްޓުގައި މިފަދަ ހާދިސާއެއް ހިނގާފައި ވެއެވެ. އެ ހާދިސާގައި ވެސް ގިނަ ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު، 80 ވަރަކަށް މީހުން ވަނީ މަރުވެފައެވެ.