ނިރުބަވެރި ހަމަލާއެއްގެ ބިރާއިއެކު އިންޑިއާގެ ދެކުނުހުޅަނގުގެ ސްޓޭޓެއް ކަމަށްވާ ކަރްނާޓަކާގެ ވެރިރަށް ބެންގަލޫރު ކުއްލި ހާލަތަށް ގެނެސްފިއެވެ.

ރިޕޯޓްތަށް ބުނާ ގޮތުގައި ނިރުބަވެރި ހަމަލާއެއް ދީފާނެ ކަމުގެ އިންޓެލިޖެންސް އިންޒާރާއި އެކު ބެންގަލޫރުގެ ފުލުހުން ދަނީ ހަތިޔާރާއި އެކު މުޅި ބެންގަލޫރު ސިޓީގެ އެކި ހިސާބުތަކުގައި ވަރުގަދައަށް ފޯރި މަރަމުނެވެ.

ބެންގަލޫރު ސަލާމަތީގޮތުން ކުއްލި ހާލަތަށް ގެނައިރު، އިންޑިއާގެ ދެކުނުގެ ބައެއް ސްޓޭޓްތަކުގައި ހިންގާ ވަކިވެގަތުމުގެ ހަރަކާތްތައްވެސް މިދުވަސްވަރު ވަނީ އިތުރުވެފައެވެ.

ބެންގަލޫރު ސިޓީގެ މުހިންމު ހުރިހާ ބިނާތަކާއި، ތަންތަނަށް ވަނީ ސަލާމަތީ ފިޔަވަޅު ވަރުގަދަ ކޮށްފައެވެ.

އިންޑިއާގެ ކިބައިން ވަކިވެ، މިނިވަންވުމަށް އިންޑިއާގެ ބައެއް ސްޓޭޓްތަކުގައި ހަތިޔާރުއެޅި ޖަމާއަތްތަކުން ހަނގުރާމަކުރަމުން ގެންދެއެވެ.

އިންޑިއާގައި މުސްލިމުންގެ އަގުލަބިއްޔަތު އޮންނަ ހަމައެކަނި ސްޓޭޓް ކަމަށްވާ، ޖައްމޫ އެންޑް ކަޝްމީރަށް އިންޑިއާގެ ގާނޫނުއަސާސީން ދީފައިއޮތް މިނިވަންކަން ބޮޑުވަޒީރު މޯދީގެ ސަރުކާރުން ނިގުޅައިގަތުމުން އިންޑިއާގައި ހަރަކާތްތެރިވާ ނިރުބަވެރި ޖަމާއަތްތަކުގެ މެދުގައި ވަނީ ބަދަލު ހިފުމުގެ ރޫހު އުފެދިފަައެވެ.

ދާދިފަހުން ނިރުބަވެރި ޖަމާޢަތް އަލްގައިދާ އިން ވަނީ އިންޑިއާއަަށް ވަރުގަދަ އިންޒާރެއް ދީފައެވެ. އަލްގައިދާގެ ނިރުބަވެރި ގުރޫޕުގެ އިސް ލީޑަރު އައިމަން އަލް ޒަވާހިރީ އާންމު ކުރި ވީޑިއޯ މެސެޖެއްގައި ވަނީ ކަޝްމީރުގައި ތިބި އެ ޖަމާއަތުގެ މެމްބަރުން އިންޑިއާގެ މަސްލަހަތު ހިމެނޭ ތަންތަނަށް ހަމަލާ ދިނުމަށް އެދިފަ އެވެ.

މީގެއިތުރުން ކަޝްމީރު މައްސަލާގައި ޕާކިސްތާނަަށް މިހާރު އިތުބާރު ނުކުރެވޭ ކަމަށާއި އެއީ އެމެރިކާގެ ޕަޕެޓުން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.