އިނގިރޭސިވިލާތުގެ ޓެރިޓަރީއެއް ކަމަށްވާ ޖިބްރޯލްޓާ އިން ހިފަހައްޓާފައި އޮތް އީރާންގެ ތެޔޮ ޓޭންކަރު އެގައުމުން ފުރައިގެން ދަތުރު ކުރަން ކުރަން ފަށައިފިއެވެ.

ޖުލައި މަހުގެ ތެރޭގައި ޖިބްރޯލްޓާ އިން ހިފެހެއްޓި ޓޭންކަރު އެގައުމުން ފުރާފައި ވަނީ އާދީއްތަ ދުވަހު ޖީއެމްޓީ ގަޑިން 23:00 ގައި ކަމަށް "މެރިން ޓްރެފިކް" ވެބްސައިޓް ބުނެއެވެ.

އީރާންގެ ތެޔޮ ޓޭންކަރު ދޫކޮށްލަން ޖިބްރޯލްޓާގެ ކޯޓުން އަމުރު ކުރުމުން އެމެރިކާ އިން ވަނީ އެޓޭންކަރު ހިފެހެއްޓުމަށް އަމުރެއް ނެރެފައެވެ. ނަމަވެސް ޖިބްރޯލްޓާ އިން ވަނީ އެމެރިކާ އިން އެދުނު ގޮތައް ތެޔޮ ޓޭންކަރު ހިފަހައްޓަން ދެކޮޅު ހަދާފައެވެ.

ޖިބްރޯލްޓާ އިން ހިފެހެއްޓި އީރާންގެ ތެޔޮ ޓޭންކަރުގައި 130 މިލިއަން ޑޮލަރުގެ ސާފުނުކުރާ ތެޔޮ ހުންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެ ޓޭންކަރު ހިފެހެއްޓީ ސީރިއާ އަށް ތެޔޮ އުފުލަނީ ކަމަށް ތުހުމަތު ކޮށްފައެވެ. ނަމަވެސް ޓޭންކަރު ދޫކޮށްލަން ޖިބްރޯލްޓާގެ ސުޕްރީމް ކޯޓުން ޙުކުމް ކުރީ ތުހުމަތުތަކަށް ބާރުލިބޭ އެއްވެސް ހެއްކެއް ނެތުމުންނެވެ.

އީރާންގެ ތެޔޮ ޓޭންކަރު މިހާރު ދަތުރު ކުރަމުން ގެންދަނީ ކޮން މަންޒިލަކަށް ކަން ސާފު ނުވާކަމަށް ބައިނަލްއަޤުވާމީ މީޑިއާތަކުން ބުނެއެވެ.

ޖިބްރޯލްޓާ އިން އީރާންގެ ތެޔޮ ޓޭންކަރު ހިފެހެއްޓުމުން އީރާނުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަައެވެ. އަދި ބަދަލު ހިފުމުގެ ގޮތުން ހޮރުމޫޒް ކަނޑުއޮޅިން އިނގިރޭސިވިލާތުގެ ތެޔޮ ޓޭންކަރެއް ވެސް ވަނީ ހިފަހައްޓާފައެވެ. އަދިވެސް އެޓޭންކަރު އޮތީ އީރާންގެ ބެލުމުގެ ދަށުގައެވެ.