އިންޑިއާއިން ކަޝްމީރުގައި އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން މިހާތަނަށް ކަޝްމީރުގެ 4000 އަށް ވުރެ ގިނަ ރައްޔިތުން އިންޑިއާއިން ހައްޔަރުކޮށްފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިންޑިއާއިން ކަޝްމީރުގައި ގެންގުޅޭ ޕަބްލިކް ސޭފްޓީ އެކްޓް ގާނޫނުގެ ދަށުން އެއްވެސް ތުހުމަތަކާއި ނުލައި ކޮންމެ މީހަކުވެސް މަދުވެގެން ދެ އަހަރު ދުވަހު ހައްޔަރު ކޮށްގެން ގެންގުޅެވި ދާނެއެވެ.

އިންޑިއާއިން ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި އިދިކޮޅު ކޮންގުރެސް ޕާޓީގެ އިސް ފަސް ލީޑަރަކާއި ގިނަ އަދަދެއްގެ ސިޔަސީ ފަރާތްތައް ވެސް ހިމެނެއެވެ.

ކޮންގްރެސް ޕާޓީގެ ކުރީގެ ލީޑަރު ރާހުލް ގާންދީ ވަނީ އެޕާޓީގެ މެމްބަރުން ހައްޔަރު ކުރި ކުރުން ކުށްވެރި ކުރައްވައިފަ އެވެ. އަދި އެއީ އިންޑިއާ ސަރުކާރުން ޑިމޮކްރަސީއަށް ގެއްލުމެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

ކޮންގްރެސް ޕާޓީގެ ލީޑަރުންގެ އިތުރުން ކަޝްމީރުގައި ގޭ ބަންދުގައި ބަހައްޓާފައިވާ ސިޔާސީ އިސް ފަރާތްތަކުގެ ތެރޭގައި ކުރީގެ ޗީފް މިނިސްޓަރުން ކަމަށްވާ މެހެބޫބާ މުފްތީ އާއި ފާރޫގް އަބްދުﷲ ހިމެނެ އެވެ.

އިންޑިއާގެ ގާނޫނުއަސާސީގައި ކަޝްމީރަށް ބާރުތަކެއް ދިނުމާ ބެހޭ ގޮތުން އޮންނަ 370 ވަނަ މާއްދާ އިސްލާހުކޮށް ޖައްމޫ އާއި ކަޝްމީރަކީ ދެ ޔުނިއަން ޓެރިޓަރީސްގެ ގޮތުގަައި ހަމަޖައްސަން އިންޑިއާ ސަރުކާރުން ނިންމި މައްސަލާގައި ޕާކިސްތާނާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ ހަނގުރާމައެއްގެ ކޮޅުމަތި ފެންނަން ވަނީ ފަށައިފައެވެ.

ގާނޫނުއަސާސީ އަށް ގެނައި އިސްލާހާ ގުޅިގެން ހަމަނުޖެހުން ހިނގާފާނެތީ އިންޑިއާ ސިފައިން ކަޝްމީރުގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.

ކަޝްމީރު އިތުރަށް އަޅުވެތި ކުރުމަށް ކުރަމުންދާ މަސައްކަތާ ދެކޮޅަށް ޕާކިސްތާނުން ދަނީ ވަރަށް ބޮޑަށް ބައިނަލްއަގުވާމީ މަސްރަހުގައި މަސައްކަތް ކުރަމުންނެވެ.