ކަޝްމީރުގެ މައްސަލާގައި އިންޑިއާ އާއި ޕާކިސްތާނުގެ ދެމެދުގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކުގެ ތެރެއިން އިންޑިއާ ސިފައިން ޕާކިސްތާނުގެ އުމުރުން ދުވަސްވީ ދެ އާއްމު ރައްޔިތަކު ޝަހީދު ކޮށްލައިފިއެވެ.

ޕާކިސްތާން އަސްކަރިއްޔާގެ މީޑިއާ ގްރޫޕުން ހާމަ ކޮށްފައިވާ ގޮތުގައި ޕާކިސްތާނުގެ ކަޝްމީރާއި އިންޑިއާގެ ކަޝްމީރު ގުޅޭ ރޮނގުން އިންޑިއާ ސިފައިން ވަނީ އެއްވެސް ކުށެއް ނެތް އާއްމު ރައްޔިތުންނަށް މޯޓަރު ބަޑި އާއި މިސައިލްތައް ބޭނުން ކޮށްގެން ހަމަލާ ދީފައެވެ.

ޕާކިސްތާން ކަޝްމީރު ފަޅީގައި އާއްމު ރައްޔިތަކު ހިނގާފައި ދާއިރު ސިފައިން ފޯރި މަރަނީ

މި ހަމަލާތައް ދިނުމުގެ ސަބަބުން ޕާކިސްތާނުން ދިން ރައްދު ހަމަލާގައި އިންޑިއާ އަސްކަރިއްޔާގެ 2 ސިފައިނެއް ވަނީ މަރާލައި، އިތުރު ސިފައިން ތަކެއް ޒަހަމް ކޮށްލާފައެވެ. އަދި މީގެ ކުރިން މި ދެ ގައުމުން ބަދަލު ކޮށްފައިވާ ހަމަލާ ތަކުގައި ގިނައިން މަރުވެފައި ވަނީވެސް އިންޑިއާ ސިފައިންކަން ފާހަގަކޮށްލެވެއެވެ.

މިއަދު އިންޑިއާ އިން ޝަހީދު ކޮށްލާފައި ވަނީ އުމުރުން 75 އަހަރުގެ ލާލް މުހައްމަދު އާއި 61 އަހަރުގެ ހަސަން ދިން އެވެ.

ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ހާން ވަނީ އެ ގައުމުގެ ރައްޔިތުން ދިފާއު ކުރާނޭ ކަމުގެ ޔަގީންކަން ދީފައެވެ. އަދި އިންޑިއާ އިން ދޭ ކޮންމެ ހަމަލާ އަކަށް ރައްދު ދޭނޭ ކަމަށްވެސް އޭނާ ބުނެފައި ވާއިރު، އދ ގައިވެސް އިންޑިއާ އިން ކަޝްމީރުގައި ހިންގަމުން އަންނަ ޖަރިމާ ތަކުގެ އަޑު ވަނީ އުފުލާފައެވެ.