ކަޝްމީރުގައި އިންޑިއާ އާއި ޕާކިސްތާނުން ކޮންޓްރޯލް ކުރާ ސަރަހައްދު ވަކިކުރަން އޮންނަ ލައިން އޮފް ކޮންޓްރޯލް (އެލްއޯސީ) ގައި ޕާކިސްތާން ސިފައިން ހަމަލާދީ އިންޑިއާގެ ހަ ސިފައިން މަރާލައިފިއެވެ.

ޕާކިސްތާން އަސްކަރިއްޔާގެ މީޑިއާ ޔުނިޓުން މިއަދު ބުނީ އިންޑިއާ ސިފައިންނަށް ހަމަލާދިނީ ލައިން އޮފް ކޮންޓްރޯލްގައި ހަމަލާ ބަދަލު ކުރުން ހުއްޓާލަން ވެފައި އޮންނަ އެއްބަސްވުމާއި އިންޑިއާ އިން ހިލާފުވުމުން ކަމަށެވެ.

"އިންޑިއާ އިން ވަނީ ފުރަތަމަ ހަމަލާދީ ޕާކިސްތާންގެ ތިން މީހަކު ޝަހީދު ކޮށްލާފައި. އޭގެ ތެރޭގައި އުމުރުން އެންމެ ހަތް އަހަރުގެ ފިރިހެން ކުއްޖަކު ވެސް ހިމެނޭ. ޕާކިސްތާނުން ހަމަލާ ދިނީ އިންޑިއާގެ ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން." ޕާކިސްތާންގެ އަސްކަރިއްޔާ އިން ބުންޏެވެ.

ޕާކިސްތާންގެ އަސްކަރިއްޔާ އިން ބުނީ ޕާކިސްތާނުން ހަމަލާ ދީފައި ވަނީ ލައިން އޮފް ކޮންޓްރޯލްގައި ގާއިމް ކޮށްފައިވާ އިންޑިއާގެ ޕޯސްޓަކަށް ކަމަށެވެ. "ޕާކިސްތާން ސިފައިން ދިން ހަމަލާގައި އިންޑިއާ އަސްކަރިއްޔާގެ އޮފިސަރަކު ހިމެނޭނެހެން އިންޑިއާގެ ހަ ސިފައިން މަރުވި. އަދި އެމީހުން ތިބި ބަންކަރު އެއްކޮށް ސުންނާފަތިވި." ޕާކިސްތާނުން ބުންޏެވެ.

އިންޑިއާގެ ހަ ސިފައިން މަރާލާފައި ވާނެ ކަމަށް ޕާކިސްތާނުން ބުނާ ބުނުމާއި ގުޅިގެން އިންޑިއާގެ އަސްކަރިއްޔާ އިން އަދި މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެއެވެ.

އިންޑިއާ އާއި ޕާކިސްތާންގެ މަސްރަހު އަނެއްކާވެސް ހޫނުވެ، ހަނގުރާމައެއްގެ ފުރުސަތު ބޮޑުވަމުން އަންނަނީ ކަޝްމީރުގެ މައްސަލައިގައި އިންޑިއާ އިން ނިންމި ނިންމުމެއްގެ ސަބަބުންނެވެ. ކަޝްމީރަށް ދީފައި އޮންނަ ހާއްސަ އުސޫލުތައް އުވާލުމަށް އިންޑިއާ އިން ނިންމި ނިންމުމާއި ގުޅިގެން ޕާކިސްތާނުން ގެންދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ.