ހޮންގް ކޮންގްގެ ހޮސްޕިޓަލެއްގެ އެނދެއްގައި އޮތް ބަލި މީހަކަށް އަނިޔާކުރި، އެގައުމުގެ ދެ ފުލުހަކު ހައްޔަރުކޮށްފިއެވެ.

މި ދެ ފުލުހަކު ހައްޔަރުކޮށްފައިމިވަނީ މި މީހުން ބަލި މީހަކަށް އަނިޔާ ކުރާ ވީޑިއޯ މީސް މީޑިއާގައި އާންމުވެފައި ވަނިކޮށެވެ.

މީސް މީޑިއާގައި މިހާރު އާންމުވެފައިވާ މި ވީޑިއޯއިން ފެންނަނީ އުމުރުން ދުވަސްވީ ބަލިމީހަކަށް މި ފުލުހަން ކައިރިވެ އަނގަޔަށް ގަދަކަމުން ފޮތިގަނޑެއް ކޮއްޕާ އަނިޔާ ކުރާ މަންޒަރެވެ.

މި މައްސަލައާއި ގުޅިގެން އިއްޔެ، ދެ ފުލުހަކު ހައްޔަރުކުރުމަށްފަހު ހޮންގްކޮންގް ފުލުހުން ބުނެފައިވަނީ އިންސާފުވެރި ކަމާއެކު މައްސަލަ ބަލައި އަނިޔާވެރިވި ފުލުހުންނާއިމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

އަދި އުމުރުން ދުވަސްވީ އެ މީހާއަކީވެސް ފުލުހުން ހައްޔަރުކޮށްފައިވާ މީހެއް ކަމަށާއި ނަމަވެސް އަނިޔާ ނުކުރެވޭނެ ކަމަށެވެ.

މިހާދިސާ ހިންގާފައި މިވަނީ ހޮންގް ކޮންގްގައި ސަރުކާރާއި ދެކޮޅު ބޮޑެތި މުޒާހަރާތަކެއް ހިންގަމުންދަނިކޮށެވެ. ފުލުހުން އަނިޔާ ކުރި މީހަކީ މުޒާހަރާގެ ބައިވެރިއެއް ކަމެއް އަދި ސާފެއް ނުވެެއެވެ.

ހޮންގް ކޮންގެ ރައްޔިތުން ސަރުކާރު ބަދަލުކުރުމަށާއި، ޑިމޮކްރަސީއަށް ގޮވާލާ އަދި ކުށަށް ތުހުމަތުކުރެވޭ މީހުން ޗައިނާއާ ހަވާލުކުރެވޭ ގޮތަށް ހޮންގް ކޮންގްގެ ގާނޫނަކަށް ގެންނަން އުޅޭ ބަދަލާ ދެކޮޅަށް ކުރާ މި މުޒާހަރާތަށް ވަނީ ތާރީހުގައި ވެސް އެގައުމުގައި ހިންގާ އެންމެ ބޮޑު ހަމަނުޖެހުމަށް ބަދަލުވެފައެވެ.

މި މުޒާހަރާތަކުގައި ފުލުހުން އާދަޔާ ހިލާފަށް ބާރުގެ ބޭނުން ކޮށް އަނިޔާވެރިވަމުންދާ ކަމަށް މުޒާހަރާގެ ބައިވެރިން ދަނީ ބުނަމުންމެވެ. އަދި މިއީ ޗައިނާއިން ކުރުވާ ކަމެއް ކަމަށް އެ މީހުން ބުނެވެ.