އީރާނަށް އެއްވެސް ގޮތަކަށް ގައުމަކުން އެހީ ވެއްޖެ ނަމަ އެގައުމަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮންޕިއޯ އދ.ސަލާމަތީ މަޖިލީހުގެ ބައްދަލުވުމަށް ފަހު ރޭ މީޑިއާތަކާއި ވާކަށް ދައްކަމުން ބުނީ އިގިރޭސި ވިލާތުން މިދިޔަ މަހު ހަތަރު ވަނަ ދުވަހު ހިފެހެއްޓި ތެޔޮ ޓޭންކަރު މިދިޔަ އާދިއްތަ ދުވަހު ދޫކޮށްލާފައިވާއިރު މި ޓޭންކަރަށް އެއްވެސް ގައުމަކުން އެހީ ވެއްޖެ ނަމަ ނުވަތަ ޑޮކް ކޮށް ބަނދަރު ކޮށްދީފި ނަމަ އެގައުމަކާއި ދެކޮޅަށް އަދަބު ދޭނެ ކަމަށެވެ.

"ދޫކޮށްލި ޓޭންކަރު ސީރިއާ އާއި ދިމާލަށް ދާތޯ މިދަނީ ބަލަމުން އެއްވެސް ގައުމަކުން މި ޓޭންކަރަށް އެހީވެއްޖެ ނަމަ ފިޔަވަޅު އަޅާނަން" އޭނާ ބުންޏެވެ.

އީރާނުގެ ޓޭންކަރު އިގިރޭސިވިލާތުން ހިފެހެއްޓީ، ހުޅަގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފަށް ސީރިއާ އަށް ތެޔޮ އުފުލާ ކަމަށް ތުހުމަތުކޮށެވެ.

މައިކް ޕޮންޕިއޯ މިހެން ބުނިއިރު އިއްޔެ މީޑިއާތަކާއި ވާހަކަ ދެއްކި އެމެރިކާ އިސް އޮފިޝަލަކު ބުނީ އީރާނާއި ދެކޮޅަށް އެމެރިކާއިން އެޅި ފިޔަވަޅު ތަކުގެ ނަތީޖާ ވަރަށް ފޮނި ކަމަށާއި އީރާނުން ބޭރު ކުރާ ތެލުގެ ނިސްބަތް ބޮޑު ތަނުން ވެއްޓިއްޖެ ކަމަށް ރިކޯޑް ތަކުން ދައްކާ ކަމަށެވެ.

ޓޭންކަރު ދޫކޮށްލަން އުޅުމުން އެންމެ ފަހު ވަގުތު އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ އެ ޓޭންކަރު ދޫނުކުރުމަށް އިގިރޭސިވިލާތުގެ ކިބައިން އެދިފަ އެވެ.