ދުނިޔޭގެ ފުއްޕާމޭ ގޮތުގައި ބަލަމުން އަންނަ އެމޭޒަން ޖަންގަލީގައި އަލިފާން ރޯވެ، އަނދަމުން އަންނަތާ 3 ހަފްތާ ވެއްޖެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ޓްރޮޕިކަލް ރެއިން ފޮރެސްޓު ކަމުގައިވާ އެމޭޒަން އަކީ އަހަރެމެން އިންސާނުން ނޭވާ ލުމަށްޓަކައި ބޭނުން ކުރާ އޮކްސިޖަންގެ 20 އިންސައްތަ ކޮންމެ އުފައްދަމުން އަންނަ ޖަންގަންޏެކެވެ. ނަމަވެސް، މީގެ 3 ހަފްތާ ކުރިން އެމޭޒަންގައި ރޯވި އަލިފާންގަނޑު އަދިވެސް އަންނަނީ ކޮންޓްރޯލް ނުވެ ބާރަށް ފެތުރެމުންނެވެ.

އެމޭޒަންގައި ރޯވި އެތައް ހާސް އަލިފާން ގަނޑު ތަކުގެ ތެރެއިން އިންސާނުން ރޯކޮށްފައިވާ ސަރަހައްދެއްގެ ފޮޓޯ

މި ޖަންގައްޔަކީ އަހަރެމެންގެ ދިރިހުރުމަށް ބޮޑު ހިއްސާ އެއް އޮންނަ ތަނެއް ކަމުގައި ވާއިރު، އެ އަލިފާން ގަނޑު ނިއްވުމަށްޓަކައި އެދެވޭ މަސައްކަތްތަކެއް ނުކުރެވޭ ކަމަށް ބުނެ ތިމާވެށި ހިމާޔަތް ކުރާ ޖަމިއްޔާ ތަކުން އަންނަނީ އަޑު އުފުލަމުންނެވެ. އެމީހުން ބުނާ ގޮތުގައި ފްރާންސްގެ ވެރި ރަށް ޕެރިހުގައި ހުންނަ ފައްޅި، ނޯޓްރީ ޑޭމްގައި މިއަހަރު ކުރީ ކޮޅު އަލިފާން ރޯވުމުން، އަލިފާންގަނޑު ނިއްވައި އެތަން އަލުން ބިނާ ކުރުމަށް އެކި ފަރާތްތަކުން ވަނީ ޖުމްލަ 1 ބިލިއަން އެމެރިކާ ޑޮލަރު ހަދިޔާ ކޮށްފައެވެ. ނަމަވެސް، އަހަރެމެންގެ ދިރިހުރުމާއި ގުޅުންހުރި ތަނެއްގައި އަލިފާން ރޯވެ، ކޮންޓްރޯލުން ނައްޓައިގެން ދާއިރުވެސް، އެފަދަ މަސައްކަތްތަކެއް ކުރާތަން ފެނިގެން ނުދާކަމީ ހިތާމަ ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ހޫނު މޫސުން ތެރޭ ބޮޑެތި ޖަންގަލި ތަކުގައި ގުދުރަތީ ގޮތުން އަލިފާން ރޯވުމަކީ އާއްމު ކަމެކެވެ. ނަމަވެސް މިފަދަ އަލިފާން ތަކަކީ ޖަންގަލީގެ ހެދިބޮޑުވުމަށް ރަނގަޅު ކަމަކަށް ވާއިރު، މިދިޔަ އަހަރު ޖެނުއަރީ މަހުން ފެށިގެން އޯގަސްޓް މަހާއި ހަމައަށް އެ ޖަންގަލީގައި ވަނީ 40،000 އަލިފާން ގަނޑު ރޯވި ކަމަށް ރެކޯޑް ކުރެވިފައެވެ. މިއަހަރުގެ އެ މުއްދަތާއި ހަމައަށް ބަލާނަމަ މިހާރުވެސް 74،155 އަލިފާންގަނޑު ރޯވެފައެވެ. އަދި މި އަދަދު ދަނީ ހަލުވިކަމާއި އެކު މައްޗައް އަރަމުންނެވެ.

އެމޭޒަންގައި ރޯވި އަލިފާނުގެ ދުންތައް 1678 މޭލު ދުރުގައި އޮންނަ ސައޮ ޕައުލޯ އަށް ކޮށްފައި

ގުދުރަތީ ގޮތުން ރޯވާ އަލިފާން ތަކުގެ އިތުރުން އިންސާނުން އަމިއްލަ އަށް ރޯ ކުރާ އަލިފާންގަނޑު ތައްވެސް މީގެ ތެރޭގައި ހިމެނެއެވެ. އެއީ އެ ޖަންގަލިތަކުން ވަކި ހިސާބެއް އިންސާނުން ބޭނުން ކުރުމަށްޓަކައި ސާފު ކުރުމުގެ ބަދަލުގައި އަންދާލާތީއެވެ. ކޮންމެ އަހަރަކުވެސް ވިޔަފާރީގެ ބޭނުމަށް އެތައް މިލިއަން ގަހެއް މި ޖަންގަލިން ކަނޑަމުން އަންނައިރު، ބްރެޒިލްގެ މީޑީއާ ރިޕޯޓްތައް ބުނާ ގޮތުން މި އަލިފާން ގަނޑުގެ ދުންތައް ވަނީ އެމޭޒަން ޖަންގައްޔާއި 1678 މޭލު ދުރުގައި އޮންނަ ސައޮ ޕައުލާ ސިޓީ އާއި ހަމައަށް ދަތުރު ކޮށްފައެވެ. އަދި ހޯމަ ދުވަހު މެންދުރު އެ ސިޓީގެ މަގުތައް މަތީގައި ދުން ގިނަ ކަމުން ހީވަނީ ރޭގަނޑު ކަމަށްވެސް ވެއެވެ. ސައޮ ޕައުލޯ އަކީ ދުނިޔޭގެ 4ވަނަ އަށް އެންމެ ގިނަ މީހުން އުޅެމުން އަންނަ ސިޓީ އެވެ.

މި އަލިފާންގަނޑުތައް ނިންވުމަށް މެދު ނުކެނޑި ކަމާ ބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުން ގެންދާ އިރު، ސިޓީ އޮފް އެމަޒޯނާސްގައި އޮތީ އެމެޖެންސީ ހާލަތަށް ގެނެސްފައެވެ. މި އަލިފާންގަނޑުގެ ދުންތައް ޖައްވުން ވެސް ފެންނަން ހުރި އިރު، މިކަމުގެ ޒިންމާ ނަގަން ޖެހޭނީ ބްރެޒިލްގެ ރައީސް ކަމަށް ގިނަ ބަޔަކު ދެކެއެވެ. އެއީ އޭނާ ވެރިކަމާއި ހަވާލުވީ ފަހުން އެ ގައުމުގެ އިގްތިސާދު ރަނގަޅު ކުރުމަށް ކަމަށް ބުނެ އެމޭޒަން ޖަންގަލި އާދަޔާ ހިލާފަށް ވިޔަފާރީގެ ކަންކަމަށް އަންނަނީ ބޭނުން ކުރަމުންނެވެ. ސައިންސްވެރިން ވަނީ މީގެ ކުރިންވެސް އެ ގައުމުގެ ރައީސް އަށް މިކަމުގެ އިންޒާރު ދީފައިކަން ފާހަގަކޮށްލެވެއެވެ. ދުނިޔޭގެ ފުއްޕާމެއަށް ލިބޭ ގެއްލުމަކީ އަހަރެމެންނަށްވެސް ލިބޭ ގެއްލުމެއް ކަމުގައި ވާއިރު، ތިމާވެށި ރައްކާތެރި ކުރުމަކީ އަހަރެމެން އެންމެންގެވެސް ޒިންމާ އެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތީބޭކާރު އަމަލެއް

    އަދި އިޒޭލް އައްވުރެއް ބާރުގަދަ ގައުމެއް މިފެނުނީ!

    5
    1
  2. ސޮނިފުހޭއިސްކިން ޓޯޓޯ

    ﷲ އަހަރުމެން ސަލާމަތްކުރައްވާ