ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި އެމެރިކާގެ ބިލިއަނަރު ޖެފްރީ އެޕްސްޓެއިން ވަނީ ޖަލުގައި ގަސްދުގައި މަރާލާފައި ކަމަށް އޭނާގެ ޤާނޫނީ ވަކީލް ސްޕެންސާ ކުވިން ބުނެފިއެވެ.

ޖެފްރީ ވަނީ ގަސްދުގައި މަރާލާފައި ކަމަށް އޭނާގެ ވަކީލް ބުނި ނަމަވެސް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ޖެފްރީ މަރުވީ އޭނާ ހައްޔަރުކޮށްފައި ހުރި ގޮޅީގައި އަމިއްލަ އަށް ދަން ޖެހިގެންނެވެ. އެކަމުގައި އެހެން މީހެއްގެ ބައިވެރިވުމެއް ނެތް ކަމަށް އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ.
ޖެފްރީގެ ވަކީލް ކުވިން މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ ކާކުކަން ނޭނގޭ ގޮތައް އޭނާ އަށް މައުލޫމާތު ދިން ޖަލުގެ ބައެއް އޮފިސަރުން ވަނީ ޖެފްރީ ގަސްދުގައި މަރާލާފައިވާ ކަމަށް ބުނެފައެވެ. އެކަމުގެ އިތުރު ހެކިތައް ކުރިއަށް އޮތްތަނުގައި ހާމަކުރާނެ ކަމަށް ވެސް ކުވިން ބުނެއެވެ.

ޖެފްރީ މަރުވުމާއި އެކު ގިނަ ބަޔަކު އަންނަނީ އޭނާގެ މަރާއި މެދު ސުވާލު އުފައްދަމުންނެވެ. އެއީ ޖެފްރީ އޮގަސްޓް 10 ވަނަ ދުވަހު މަރުވުމުގެ ކުރިން ޖުލައި 24 ވަނަ ދުވަހު ވެސް އޭނާގެ އަމިއްލަ ނަފްސަށް ގެއްލުން ދޭން މަސައްކަތް ކުރުމުން ވެސް އޭނާ ބަލަހައްޓަން ހާއްސަ ސަމާލުކަމެއް ޖަލުގެ އޮފިސަރުން ދީފައި ނުވާތީއެވެ.

ޖެފްރީ ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްފައި ވަނީ ވަރަށް ބާރުގަދަ، ސިޔާސީ ދާއިރާއަށް ވެސް ނުފޫޒު ފޯރުވާ ބޭފުޅުންނާއި އެކުގައި ކަމަށް ތުހުމަތު ކުރެވެއެވެ. އެހެންކަމުން އެއިން ބޭފުޅަކުގެ ބައިވެރިވުމެއް އޮވެގެން ޖެފްރީ މަރާލާފައި ވުން ގާތް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.