ޕޮލޭންޑުގައި ހިނގި ހޮނުއެޅުމުގެ ހާދިސާއެއްގައި ހަތަރު މީހަކު މަރުވެ އެތައް ބަޔަކު ފިހިއްޖެއެވެ.

ޕޮލޭންޑަށް ދަތުރުކުރާ ފަތުރުވެރިންގެ މެދުގައި މަޤުބޫލު، އެޤައުމުގެ ދެކުނުގެ ސަރަޙައްދެއްގައި ހުންނަ އުސް ފަރުބަދައެއް ކަމަށްވާ، ޖީވޯންޑް ގެ މަތީގައި ހިނގި މި ހާދިސާގައި 100 އަށްވުރެ ގިނަ މީހުންގެ ހަށިގަނޑު ވަރަށް ބޮޑަށް ފިހިގެން ފަރުވާދެމުންދާ ކަމަށް ނޫސްތައް ބުނެއެވެ.

މިކަމާއި ގުޅިގެން ޕޮލޭންޑުގެ ކަމާއި ބެހޭ އިދާރާތަކުގެ އޮފިޝަލުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ، ހާދިސާ ހިނގީ ގިނަ އަދަދެއްގެ ބަޔަކު ފަރުބަދަ މައްޗަށް އަރާ ތިބި ވަގުތެއްގައި ކަމަށާއި، މޫސުން ގޯސްވެ ހޮނުއަޅަން ފެށީ އެމީހުން އެތަނުގައި ތިއްބައި ކުއްލިއަކަށް ކަމަށެވެ. އެހެންކަމުން ރައްކާތެރިވުމުގެ ގޮތުން އެމީހުންނަށް އޭރު ކުރެވޭނެ މާބޮޑު ކަމެއް އޭރު ނެތްކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

މި ހާދިސާ ހިނގުމާއެކު ޕޮލޭންޑުގެ ބޮޑުވަޒީރު، އެޤައުމުގެ ކަމާއި ބެހޭ އިދާރާތަކާއެކު ވަގުތުން ކުއްލި ބައްދަލުވުމެއް ބޭއްވެވިއެވެ. އެ ބައްދަލުވުމަށްފަހު ހާދިސާ ހިނގި ސަރަޙައްދަށް ރެސްކިއު މަސައްކަތްކުރާ ފަރާތްތަކާއި އެކު ހަތަރު ހެލިކަޕްޓަރު ފޮނުވައި، އަނިޔާވި މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، 6214 ފޫޓު މަތިން ޖީވޯންޓް ފަރުބަދައިގައި ހިނގި މި ހާދިސާގައި އަނިޔާވި ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށް އޮފިޝަލުން ބުނާއިރު، ހާދިސާގައި މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

އިއްޔެ ޕޮލޭންޑުގައި ހިނގި ހޮނު އެޅުމުގެ ހާދިސާގައި ހަތަރު މީހަކު މަރުވިއިރު، އެޤައުމާއި ޖެހިގެން އޮންނަ ސްލޮވޭކިއާގައި ވެސް ހޮނުއަޅައިގެން މަރުވެފައި ވެއެވެ. އިއްޔެގެ ހާދިސާތަކުގައި މަރުވި ފަސް މީހުންގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނޭ ކަމަށް އޮފިޝަލުން ބުނެފައި ވެއެވެ.