އަވައްޓެރި ސްރީލަންކާގެ މަޝްހޫރު ފަތުރުވެރި މަންޒިލެއް ކަމަށްވާ ބަދުއްލާ ގައި ހުންނަ "އެއްލަ ރޮކް" ހިމެނޭ ސަރަޙައްދުގައި ރޯވެ އަނދަމުން އެބަދެއެވެ.

އިއްޔެގެ ވަގުތެއްގައި މި އަލިފާންގަނޑު އެންމެ ފުރަތަމަ ރޯވީ "އެއްލަ ފޮރެސްޓު" ގައެވެ. ގިނަ އަދަދެއްގެ ގަސްގަހާގެހި ހުންނަ ފަރުބަދަމަތީ އެ ސަރަޙައްދުގައި ރޯވާން ދިމާވި ސަބަބެއް އަދި އެނގިފައި ނުވާއިރު، އަދިވެސް ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ.

އެއްލާގައި މީހުން އުޅޭ ސަރަޙައްދާއި ގާތްގަނޑަކަށް 20 ވަރަކަށް ކިލޯމީޓަރު ދުރުގައި އޮންނަ މި ސަރަޙައްދުގައި ރޯވެ އަނދަމުންދާއިރު، ގިނަ އަދަދެއްގެ ފަޔާފައިޓަރުން ދަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވެ، އަލިފާން ނިއްވުމުގެ މަސައްކަތުގައި ބައިވެރިވަމުންނެވެ. އެފަރާތްތަކުން ބުނެފައިވާގޮތުގައި އަލިފާން ރޯވެފައިވާ ސަރަޙައްދަކީ ފަރުބަދަމަތީ ގަސްބޯ ސަރަޙައްދަކަށް ވުމުން، އަލިފާން ނިއްވުމުގެ މަސައްކަތަށް ވަނީ ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.

ލަންކާގެ އެއްލާގެ ޖަންގައްޔެއްގައި ރޯވެ އަނދަނީ

އެއްލަ ފޮރެސްޓުގައި ކޮންޓްރޯލް ނުވެ އަލިފާންގަނޑު އަދިވެސް ފެތުރެމުންދާއިރު، އެ ސަރަޙައްދާއި ދުރުނޫން ހިސާބެއްގައި އޮންނަ، އެއްލަ-ވެއްލަވަޔަ މަގު ބޭނުންކުރާ ފަރާތްތަކުން ސަމާލުވުމަށް އެދި، މިއަދު ލަންކާގެ ފުލުހުން ވަނީ އިންޒާރެއްވެސް ނެރެފައެވެ. އެއީ އެ ސަރަޙައްދަށް ދުމުގެ އަސަރު ވަރަށް ބޮޑަށް ކުރަމުންދާތީ، ވައި ފުސްވެ ދުއްވާ ފަރާތްތަކަށް މަގު ނުފެންނާތީ ކަމަށް އޮފިޝަލުން ބުނެއެވެ.

އޮފިޝަލުން ބުނާގޮތުގައި މި އަލިފާންގަނޑު ރޯވެފައިވާ ސަރަޙައްދަށް ވައިގަދަވެފައި ވުމުން، އަލިފާންގަނޑު އިތުރަށް ފެތުރެމުންދާ ކަމަށެވެ. އަދި އެ ސަރަޙައްދުގެ ބޮޑު ބައެއް އަނދައި އަޅިޔަށްވެ، މީހުން ދިރިއުޅޭ ސަރަޙައްދަށްވެސް އަސަރުކޮށްފާނެ ކަމުގެ ބިރު މިހާރު ވަނީ ބޮޑުވެފައެވެ.

އެއްލަ

އެއްލަ ރޮކް ހިމެނޭ ސަރަޙައްދަކީ ކޮންމެ އަހަރަކުވެސް އެތައް ހާސް ފަތުރުވެރިންނަށް ގޮސް އުޅެ ސަރަޙައްދެކެވެ. އެތަނުގައި އޮންނަ އެއްލަ ރޮކް އަކީ ލަންކާގެ އެންމެ އުސް ސަރަޙައްދުތަކުގެ ތެރޭގައި ހިމެނޭ މަޝްހޫރު، ރީތި ސަރަޙައްދެކެވެ. މި ހިސާބަށް ދިއުމަށް ފައި މަގުގައި ކޮޅަކަށް ދެގަޑިއިރު ހިނގަން ޖެހޭއިރު، މި ތަނަކީ ލަންކާގެ ތާރީޚާއިވެސް ގުޅުންހުރި އެތައް ހާދިސާއެއް ހިނގާފައިވާ ސަރަޙައްދެއް ކަމަށް ވެއެވެ.

އެއްލަ ރޮކް ސަރަޙައްދުގައި އަލިފާން ރޯވިއިރު، ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވި ކަމެއް އަދި އެނގިފައެއް ނުވެއެވެ.