ލަންކާގެ މަޝްހޫރު ފަތުރުވެރި މަންޒިލެއް ކަމަށްވާ "އެއްލާ" ގައި އިއްޔެ ރޯވެ ފެތުރެން ފެށި އަލިފާންގަނޑު، އެ ސަރަޙައްދުގައި އޮންނަ އެންމެ ރީތި ފެންނާރު ކަމަށްވާ، "ރާވަން ފޯލްސް" އާއި ހަމައަށް ފެތުރިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ލަންކާގެ ނޫސްތަކުގައި ބުނެފައިވާގޮތުގައި އިއްޔެ އެއްލާގައި އަލިފާން ރޯވުމާއިއެކު އެޤައުމުގެ ކަމާއި ބެހޭ ފަރާތްތަކުން، އަލިފާން ނިއްވުމަށް ފެށި މަސައްކަތް އަދިވެސް ކާމިޔާބުވާގޮތް ވަނީ ނުވެފައެވެ. އަދި ވައި ގަދަވުމުގެ ސަބަބުން އަލިފާންގަނޑު އިތުރަށް ފެތުރެމުންދާ ކަމަށްވެސް ނޫސްތައް ބުނެއެވެ.

އެއްލަ ފޯލްސް އަކީ ލަންކާގެ ތާރީޚީ ބޮޑު ހާދިސާތަކެއް، މީގެ އެތައް ޒަމާނެއް ކުރިން ހިނގާފައިވާ ސަރަޙައްދެކެވެ. މި ސަބަބަށްޓަކައި އާއި، އެއްލައިގެ ގުދުރަތީ ރީތިކަމަށްޓަކައި، އެ އަވަށް ވެފައި ވަނީ ލަންކާއަށް ދަތުރުކުރާ ފަތުރުވެރިންގެ މެދުގައި އެންމެ މަޤުބޫލު އަވަށަށެވެ. ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ގޮސް އުޅޭ މި ސަރަޙައްދުގައި ރޯވުމުގެ ހާދިސާގައި މީހަކަށް އަނިޔާއެއް ލިބުނު ކަމެއް އަދި އެނގިފައި ނުވެއެވެ.

އެއްލާގައި އޮންނަ އެއްލަ ރޮކް އާއި އެއްލަ ފޯލްސް ހިމެނޭ ސަރަޙައްދުގައި މިހާރު ރޯވެ އަނދަމުންދާއިރު، މިއީ ގަސްގަހާގެހި ގިނަ އަދަދަކަށް ހުންނަ، ފަރުބަދަމަތީ ސަރަޙައްދެކެވެ. ރޯވެފައި ވަނީ މި ސަރަޙައްދުން ފަރުބަދަމަތީގައި، މީހުން ދިރިނޫޅޭ ސަރަޙައްދެއްގައެވެ. ނަމަވެސް އަލިފާންގަނޑު ކޮންޓްރޯލް ނުވެ އިތުރަށް ފެތުރެމުންދާނަމަ، މީހުން އުޅޭ ހިސާބުތަކަށްވެސް އަސަރު ކޮށްފާނެ ކަމުގެ ބިރުވަނީ ބޮޑުވެފައެވެ.

ލަންކާގެ ފަޔާފައިޓަރުން މި އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި ހުއްޓުމެއް ނެތި ހަރަކާތްތެރިވަމުންދާއިރު، އެފަރާތްތަކުން ބުނީ ރޯވެފައި ވަނީ ފަރުބަދަމަތިން، އެއްވެސް މަގެއް ނެތް ގަސްބޯ ބިޔަ ޖަންގައްޔެއްގައި ކަމުން، ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތަށް ވަރަށް ބޮޑަށް ހުރަސް އެޅިފައިވާ ކަމަށެވެ. މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ.