ދުނިޔޭގެ ފުއްޕާމޭގެ ގޮތުގައި ބަލަމުން އަންނަ އެމޭޒަން ޖަންގަލީގައި އަލިފާން ރޯވެ، އަނދަމުން އަންނަތާ 3 ހަފްތާ ވެފައި ވާއިރު، އެމޭޒަން ޖަންގަލީގެ ފޭކް ފޮޓޯތަކެއް މީސް މީޑިއާގައި ދައުރުވަމުން އެބަ ދެއެވެ.

ލިއޮނާޑޯ ޑިކަޕްރިއޯ އާއި ޖޭޑަން ސްމިތްގެ އިތުރުން އެނޫންވެސް މަޝްހޫރު އެތައް ބަޔަކު މީސް މީޑިއާގައި އެމޭޒަންގެ ވާހަކަ ދައްކަމުން ހިއްސާ ކޮށްފައި ވަނީ އެހެން ޖަންގަލި ތަކުގެ ފޮޓޯ އާއި މީގެ ކުރީގެ އަހަރު ތަކުގައި އެމޭޒަންގައި ރޯވި އަލިފާންޑަނޑުގެ ފޮޓޯތަކެވެ. މި ޕޯސްޓްތައް ވަނީ އެތައް މިލިއަން ބަޔަކަށް މިހާރު ފެނިފައެވެ.

އެމޭޒަންގައި ރޯވި އެތައް ހާސް އަލިފާން ގަނޑު ތަކުގެ ތެރެއިން އިންސާނުން ރޯކޮށްފައިވާ ސަރަހައްދެއްގެ ފޮޓޯ

އަހަރެމެން އިންސާނުން ނޭވާލާން ބޭނުންކުރާ އޮކްސިޖަންގެ 20 އިންސައްތަ އުފައްދަމުން އަންނަ ދުނިޔޭގެ އެންމެ ބޮޑު ޓްރޮޕިކަލް ރެއިން ފޮރެސްޓް، އެމޭޒަންގައި ރޯވީ މީގެ 3 ހަފްތާ ކުރިން ނަމަވެސް، އާއްމުނާއި ދުނިޔޭގެ ބޮޑެތި މީޑިއާތަކަށް އެވާހަކަ އަރާފައި ވަނީ ދާދި ފަހުންނެވެ. ބެލެވޭ ގޮތުގައި މި ފޭކް ފޮޓޯތައް ދައުރު ވުމުގެ އެންމެ ބޮޑު ސަބަބަކީ މިހާރު ރޯވަމުންދާ އަލިފާން ގަނޑުގެ ރަނގަޅު ކަވަރޭޖެއް ލިބިފައި ނުވާތީއެވެ.

އެމޭޒަންގައި މީގެ 20 ވަރަކަށް އަހަރު ކުރިން ރޯވި އަލިފާންގަނޑު

މަތިން އެ ފެންނަ ފޮޓޯ އަކީ އެމޭޒަން ޖަންގަންޏެވެ. ނަމަވެސް އެ ފޮޓޯ އަކީ މީގެ 20 ވަރަކަށް އަހަރު ކުރިން އެ ޖަންގަލީގައި ރޯވި އަލިފާން ގަނޑެއްގެ ފޮޓޯ ކަމުގައި ވާއިރު ލިއޮނާޑޯ ޑިކަޕްރިއޯވެސް ހިއްސާ ކޮށްފައި ވަނީ އެ ފޮޓޯއެވެ. މިހާރު މީސް މީޑިއާގައި އެންމެ ގިނަ ބަޔަކު ޝެއާ ކުރަމުން އަންނަނީ އެމޭޒަންގައި ރޯވި އަލިފާންގަނޑުގައި އަނދާފައި ކަމަށް ބުނާ ޖަނަވާރު ތަކެއްގެ ފޮޓޯ ކަމުގައި ވާއިރު، އެއީވެސް ފޭކު ފޮޓޯ ތަކެކެވެ.

ތިރިން އެ ފެންނަ ރާމާމަކުނުގެ ފޮޓޯ އަކީ 2016ވަނަ އަހަރު އޭޕްރިލް މަހު އިންޑިއާގެ ފޮޓޯގްރަފަރަކު އެ ގައުމުގެ ޖައިޕޫރުގައި ނަގާފައި އިން ފޮޓޯ އެއް ކަމުގައި ވާއިރު، އަނދާފައި އެ އިން މުސަޅަކީ މިދިޔަ އަހަރު އެމެރިކާގެ ކެލިފޯނިއާގައި ރޯވި އަލިފާންގަނޑުގެ ތެރެއިން ނަގާފައިވާ ފޮޓޯ އެއްކަން ފާހަގަކޮށްލެވެއެވެ.

ބްރެޒިލްގެ އެމޭޒަންގައި ރޯވެ، އަނދަމުން އަންނައިރުގައި އެ ގައުމުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޖަންގަލީގައި އުޅޭ މީހުންގެ ގެދޮރުތައް ވަނީ ގެއްލިފައެވެ. އަދި އެ މީހުން ދެން ޝިކާރު ކުރުމުގެ ބަދަލުގައި ޖެހޭނީ ސިޓީ ތެރެއަށް ގޮސް ފިހާރަތަކުން ކާނާވެސް ގަންނާށެވެ.

އެމޭޒަން އަލިފާންގަނޑުގެ ކުރީގެ ފޮޓޯތައް ހިއްސާ ކުރިނަމަވެސް، އެހެން ޖަންގަލި ތަކުގެ ފޮޓޯތައް އެމޭޒަން ކަމަށް ބުނެ މީހުންނާއި ހިއްސާ ނުކުރާށެވެ. ދުނިޔޭގެ ބޮޑެތި މީޑިއާ ތަކުންވެސް ފޭކް ފޮޓޯތައް ހިއްސާ ކޮށްފައި ވީ ނަމަވެސް، އެ މީހުންވެސް ވަނީ މިކަމުގެ ހަގީގަތް އެނގުމުން އެކަން ކިޔުންތެރިންނަށް އޮޅުން ފިލުވައި ދީފައެވެ. "ވަގުތު" ގައިވެސް އޭގެ ފޮޓޯ އެއް މީގެ ކުރިން ހިއްސާ ކުރެވިފައި ވާނަމަ، ކިޔުންތެރިންގެ ކިބައިން މައާފަށް އެދެމެވެ.