މިދިޔަ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ސްރީލަންކާއަށް ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން އަމަލު ކުރަން ފެށި ކުއްލި ނުރައްކަލުގެ ހާލަތު ހަތަރު މަސް ފަހުން އުވާލައިފިއެވެ.

އެ ގައުމުގެ ރައީސް ސިރިސޭނާގެ އަށް ލިބިފައިވާ ބާރުގެ ދަށުން އަމަލު ކުރަމުން އައި ކުއްލި ނުރައްކާ ހާލަތަށް އަމަލު ކުރަން ފެށީ އޭޕްރޮލް 22 ވަނަ ދުވަހުއެވެ. އޭގެ ފަހުން ކޮންމެ މަހެއްގެ 22 ވަނަ ދުވަހު ސިރިސޭނާ ކުއްލި ނުރައްކާ ހާލަތު އިތުރު މަހަކަށް ދަންމާލާއިރު، ކުއްލި ނުރައްކާ ހާލަތު އިތުރު މަހަކަށް ދަަންމާލަން ރައީސް އަންގާފައި ނުވާކަމަށް އެ ގައުމުގެ އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން ދަންމާލީ ކުއްލި ނުރައްކާ ހާލަތުގެ މުއްދަތު ހަމަވާނީ އިއްޔެއެވެ.

ލަންކާގެ ނުވަ ތަނަކަށް ބޮމުގެ ހަމަލާތައް ދީފައި ވެއެވެ. އެ ހަމަލާތަކުގައި 258 މީހަކުވަނީ މަރުވެފައެވެ. އަދި 500 އަށްވުރެގިނަ މީހުން ޒަހަމްވިއެވެ.

އެ ހަމަލާތަކާއި ގުޅިގެން ގިނަ ބަޔަކު ހައްޔަރުވެސްކޮށްފައި ވެއެވެ.

އެ ގައުމުގައި ކުއްލި ނުރައްކާ ހާލަތު އިއުލާނުކޮށް ސެކިއުރިޓީ ވަރަށް ވަރުގަދަ ކުރިއެވެ. އަދި ވިސާ ނުލާ އުޅޭ މީހުން ހައްޔަރުކުރިއެވެ. މީގެ ތެރޭގައި ރާއްޖޭގެ ބައެއް މީހުންވެސް ހިމެނެއެވެ.