އަވައްޓެރި ސްރީލަންކާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 27 މީހަކަށް އަނިޔާވެއްޖެއެވެ.
ނޫސްތައް ބުނާގޮތުގައި، މި އެކްސިޑެންޓު ހިނގާފައި ވަނީ، ލަންކާގެ ސެންޓްރަލް ޕްރޮވިންސުގައި އޮންނަ ސަރަޙައްދެއް ކަމަށްވާ ޑިގަމްޕަތަހައިގެ ޑަމްބުއްލާ-ހަބަރާނާ ގުޅޭ މަގުން ދުއްވާފައި ދިޔަ ބަހަކާއި ވޭނެއް ޖެހިގެންނެވެ.
މި ހާދިސާގައި، ބަހުގައި އާއި ވޭނުގައި ތިބި މީހުންނަށްވެސް އެކި ވަރުގެ އަނިޔާތައް ލިބިފައިވާއިރު، އަނިޔާވި 27 މީހުންނަށް ޑަމްބުއްލާ އާއި ހަބަރާނާގެ ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާދެމުންނެވެ. މިއަދު ހެނދުނުގެ ވަގުތެއްގައި ހިނގި މި އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި އޮފިޝަލުން ހާމަކޮށްފައެއް ނުވެއެވެ.
ލަންކާގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުމަކީ އާންމު ކަމެކެވެ. މިގޮތުން ހިނގާ ގިނަ އެކްސިޑެންޓުތަކުގައި ކޮންމެ އަހަރަކުވެސް އެތައް ބަޔަކު ދުނިޔެ ދޫކޮށް ދާއިރު، މިއަދު ހެނދުނު ހިނގި އެކްސިޑެންޓަކީ ފަހުގެ ތާރީޚެއްގައިވެސް އެއް އެކްސިޑެންޓެއްގައި އެންމެ ގިނަ ބަޔަކަށް އަނިޔާވި ހާދިސާއެވެ.
މި އެކްސިޑެންޓާއި ގުޅިގެން ލަންކާގެ ކަމާއި ބެހޭ އިދާރާތަކުން ވަނީ ޚާއްސަ ތަހުޤީޤެއް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު