ފަލަސްތީންގެ ޣައްޒާގައި ކޮންމެ ހުކުރު ދުވަހަކު ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން މިއަދުގެ މުޒާހަރާ އަށް އިސްރާއީލް ސިފައިން ބަޑި ޖަހާ 120 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލައިފިއެވެ.

ޣައްޒާގައި ހުންނަ "ވަގުތު" ގެ ނޫސްވެރިޔާ ވަފާ އަލްއުދައިނީ ބުނީ މިއަދުގެ މުޒާހަރާގެ ތެރެއަށް އިސްރާއީލް ސިފައިން ބަޑި ޖެހުމުން ޒަހަމްވި މީހުންގެ އަދަދު 120 އަށް އަރާކަން މިހާރު ޣައްޒާގެ ހެލްތު މިނިސްޓްރީން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ. އޭގެ ތެރެއިން 40 އަށް ވުރެ ގިނަ މީހުންގެ ގަޔަށް ވަނީ ވަޒަން އަރަން އަރާފައެވެ.

"ޒަހަމްވި މީހުންގެ ތެރޭގައި މުޒާހަރާގެ ބައިވެރިންނަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދެމުން ގެންދިޔަ ތިން ޕެރަމެޑިކުން ވެސް ހިމެނޭ. އޭގެ ތެރެއިން އެކަކީ އަންހެނެއް. އޭނާގެ ބޯ ވަނީ ވަރަށް ބޮޑަށް ޒަހަމް ވެފައި." ވަފާ ބުންޏެވެ.

ޣައްޒާގެ ރައްޔިތުން ކޮންމެ ހުކުރު ދުވަހު ސިލްސިލާ މުޒާހަރާތައް ކުރަމުން ގެންދަނީ އިސްރާއީލުން ޣައްޒާ ހިސޯރުކޮށްފައި އޮންނަތާ 12 އަހަރަށް ވުރެ ގިނަ ދުވަސްވެ، ހުރިހާ އިންސާނީ ޙައްޤަކުން ޣައްޒާގެ ރައްޔިތުން މަހްރޫމް ކޮށްފައި ވާތީ އެކަމާއި ދެކޮޅު ހެދުމުގެ ގޮތުންނެވެ.

މިދިޔަ އަހަރުން ފެށިގެން ޣައްޒާގައި ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއަށް އިސްރާއީލުން ހަމަލާދީ 300 އަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ ޝަހީދުކޮށްލާފައެވެ. އަދި 17000 އަށް ވުރެ ގިނަ މީހުން ޒަހަމް ކޮށްލާފައިވެއެވެ.

މިމުޒާހަރާ ފެށުނީ މިދިޔަ އަހަރުގެ މާޗް 30 ވަނަ ދުވަހު އެވެ. އެއީ ގައުމުން ބޭރުކޮށްލެވިފައިވާ ރެފިއުޖީންނަށް އަނބުރާ ގައުމަށް އައުމުގެ ފުރުސަތު ދިނުމަށް ގޮވާލާ ފެށި މުޒާހަރާއެކެވެ.