ދުނިޔޭގެ ހުރިހާ ކަންކޮޅު ތަކެއްގައި މިހާރު އެންމެ ބާރަށް ދެކެވެމުން އަންނަ ވާހަކަ އަކީ އެމޭޒަން ޖަންގަލި އަނދަމުން އަންނަ ވާހަކައެވެ. ނަމަވެސް، އެ ޖަންގަލިން މިނެޓެއްގެ ތެރޭގައި ތިން ފުޓްބޯޅަ ދަނޑުގެ ސަރަހައްދެއް އަނދަމުން ދާކަން އެނގޭ ހެއްޔެވެ؟

ބްރެޒިލްގެ ނެޝަނަލް އިންސްޓިޓިއުޓް ފޯ ސްޕޭސް ރިސާޗް އިން މި ޖަންގަލީގެ ސެޓެލައިޓް ފޮޓޯތައް ބެލުމަށް ފަހު ބުނެފައި ވަނީ މިދިޔަ މަހު އެކަނިވެސް އެ ޖަންގަލިން 332160 އޭކަރުގެ ސަރަޙައްދެއްގައި ހުރި ހުރިހާ ގަހެއް ގެއްލިފައިވާ ކަމަށެވެ. މިއީ ރެކޯޑް އަދަދެއް ކަމުގައި ވާއިރު، މިހާރު ރޯވަމުން ދާ އަލިފާންގަނޑުގެ ސަބަބުން މި އަދަދު ދަނީ ހަލުވި ކަމާއި އެކު އިތުރުވަމުންނެވެ.

މީޑީއާ ރިޕޯޓްތައް ބުނާގޮތުން ގުދުރަތީ ގޮތުން އެމޭޒަންގައި ރޯވި އަލިފާންގަނޑުގެ އިތުރުން، ބްރެޒިލްގެ ބައެއް މީހުންވެސް ވަނީ ގަސްދުގައި ޖަންގަލީގައި ރޯކޮށްލާފައެވެ. މިހެން ކަންތައް ވެފައި މިކަން ކުރަން ހިތްވަރު ލިބޭފަދަ ގޮތަކަށް މީގެ ކުރިން ބްރެޒިލްގެ ރައީސް ވާހަކަ ދައްކާފައި ވަނިކޮށެވެ.

މިކަމާއި ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން ބްރެޒިލްގެ ރައީސް އަށް އަމާޒުވަމުން އަންނަ އިރު، ފްރާންސްގެ ރައީސް ވަނީ މިއަދު ފެށުމަށް ހަމަޖެހިފައިވާ ޖީ7 ސަމިޓުގައި މިކަމާއި ބެހޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށާއި މިއީ މުޅި ދުނިޔެއަށް ދިމާވެފައިވާ މައްސަލަ އެއް ކަމަށް ބުނެފައެވެ.

އެމޭޒަން އަލިފާނުގެ ދުންތައް ނާސާގެ ސެޓެލައިޓް ފޮޓޯ އިން ފެންނަ ގޮތް

"އަހަރެމެންގެ ގެ މި އަނދަނީ. އެމޭޒަން ޖަންގަލި، މި ދުނިޔެ އަށް 20 އިންސައްތަ އޮކްސިޖަން އުފައްދައިދޭ ފުއްޕާމޭގައި މިވަނީ ރޯވެފައި. މިއީ އިންޓަނޭޝަނަލް ކްރައިސިސް އެއް" ފްރާންސްގެ ރައީސް އެމާނުއެލް މެކްރޯން ބުނެފައި ވެއެވެ.

ފްރާންސްގެ ރައީސް މިހެން ބުނުމުން ބްރެޒިލްގެ ރައީސް އެއަށް ރައްދު ދެމުން ބުނެފައި ވަނީ މިއީ ބްރެޒިލް އާއި އެމޭޒަން ޖަންގަލި ހިމެނޭ އެހެން ގައުމު ތަކުގެ އަމިއްލަ ކަމެއް ކަމަށާއި، މިފަދަ ދަނޑިވަޅުތަކުން ސިޔާސީ ފައިދާ ނުނެގުމަށެވެ.

އޯގަސްޓް 15 އިން ފެށިގެން މިހައިތަނަށް 9500 އަލިފާންގަނޑު ރޯވެފައި ވޭ. ރަތް ކުލައިން އެ ފެންނަނީ ފާއިތުވެދިޔަ ދެ ދުވަހު އަލިފާން ރޯވެފައިވާ ސަރަހައްދުތައް

ބްރެޒިލްގެ ރައީސް ބޭނުންވަނީ އެމޭޒަން ޖަންގަލިން ބިން ހުސްކޮށް، އެތަނުގައި މީހުން އާބާދުކޮށް، އެހެނިހެން ކަންކަން ކުރާށެވެ. އެކަމަކު މި ދުނިޔެއިން އޮކްސިޖަން ހުސް ވެއްޖެނަމަ އިންސާނީ މުޅި ދަރިފަސްކޮޅު ނެތިގެން ގޮސްދާނެ ކަމެއް ބްރެޒިލްގެ ރައީސަށް އަދި ނުވިސްނޭ ކަމަށް ގިނަ ބަޔަކު ބުނަމުންދެއެވެ.

އެމޭޒަން ޖަންގައްޔަކީ ދުނިޔޭގައި އިންސާނުން ދިރިއުޅުމަށް ބޭނުންވާ އޮކްސިޖެން އުފައްދާ އެންމެ މުޙިންމު އެއް ވަސީލަތް ކަމުގައި ވާއިރު، އެ ބިޔަ ޖަންގަލި ހިމާޔަތްކުރުމަށް ރާއްޖެއިން ވެސް ވަނީ ގޮވާލާފައެވެ. އެގޮތުން އެ ޖަންގައްޔަކީ ދުނިޔޭގެ ފުއްޕާމޭ ކަމަށާއި، ތިމާވެށީގެ ނާޒުކު ޤައުމެއްގެ ހައިސިއްޔަތުން، އެމޭޒަން ޖަންގަލި ހިމާޔަތް ކޮށްދިނުމަށް ދުނިޔެއަށް ގޮވާލާ ކަމަށް ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

 

މީގެ ތިން ހަފްތާ ކުރިން އެމޭޒަންގައި ރޯވި އަލިފާންގަނޑު އަދިވެސް އަންނަނީ ކޮންޓްރޯލް ނުވެ ބާރަށް ފެތުރެމުންނެވެ. މި ޖަންގައްޔަކީ އިންސާނުންގެ ދިރުމުގެ ބޮޑު ހިއްސާ އެއް އޮންނަ ތަނެއް ކަމުގައި ވާއިރު، އެ އަލިފާން ގަނޑު ނިއްވުމަށްޓަކައި އެދެވޭ މަސައްކަތްތަކެއް ނުކުރެވޭ ކަމަށް ބުނެ ތިމާވެށި ހިމާޔަތް ކުރާ ޖަމިއްޔާތަކުން އަންނަނީ އަޑު އުފުލަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި މިދިޔަ ޖެނުއަރީން ފަށައިގެން މިހާތަނަށް އެމޭޒަން ޖަންގަލީގެ އެކި ހިސާބުތަކުގައި 74000 އަށްވުރެ ގިނަ އަލިފާންގަނޑު ވަނީ ރޯވެފައެވެ. މި އަދަދު ހަލުވިކަމާއެކު އިތުރުވަމުންދާއިރު، ގުދުރަތީ ގޮތުން ރޯވާ އަލިފާން ތަކުގެ އިތުރުން އިންސާނުން އަމިއްލަ އަށް ރޯ ކުރާ އަލިފާންގަނޑު ތައްވެސް މީގެ ތެރޭގައި ހިމެނެއެވެ. ހަމަ އެހެންމެ ވިޔަފާރީގެ ބޭނުމަށް ކޮންމެ އަހަރަކުވެސް އެތައް މިލިއަން ގަހެއް މި ޖަންގަލިން ކަނޑަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަހާންގީރު

    ފްރާންސްގެ ރައީސް އުޅެނީ ދަލު ބޭރުން ޖެހިގެން ، އަމިއްލަ ޤައުމުގެ ޔެލޯ ވެސްޓް މައިތިރި ކޮށްބަލަ ޒަޔަނިސްޓް ބަހުލޫލް

    13
    2