ދުނިޔޭގެ ފުއްޕާމޭގެ ގޮތުގައި ބަލަމުން އަންނަ އެމޭޒަން ޖަންގަލީގައި ރޯވެފައިވާ އަލިފާން ކޮންޓްރޯލް ކުރަން ބްރެޒިލް އިން ސިފައިން ފޮނުވައިފިއެވެ.

ރިޕޯޓް ތަށް ބުނާގޮތުގައި އެމޭޒަން ޖަންގަލީގައި ރޯވެފައިވާ އަލިފާން ކޮންޓްރޯލް ކުރަން ބްރެޒިލްގެ ރައީސް ޖައިރު ބޮލްސޮނާރޯ ގެ ހާއްސަ ބާރެއްގެ ދަަށުން ބްރެޒިލްގެ ސިފައިން މިހާރުވަނީ އެއް މަސް ވަންދެން އަލިފާން ރޯވެފައިވާ ސަރަހައްދަށް ފޮނުވާފައެވެ.

އަލިފާން ކޮންޓްރޯލް ކުރަން ބްރެޒިލް އިން ސިފައިން ފޮނުވީ އަލިފާން ކޮންޓްރޯލް ކުރަން އިތުރަށް މައްސަކަތް ކޮށް ހަރުދަނާ ފިޔަވަޅުތަކެއް ބްރެޒިލްގެ ރައީސް ޖައިރު ބޮލްސޮނާރޯ އެޅުމަށް އެދި ދެކުނު އެފްރިކާ އަދި ޔޫރަޕްގެ ގައުމުތަކުގައި މުޒާހަރާތަކެއް ފަށައިފައިވަނިކޮށެވެ.

ބްރެޒިލްގެ ރައީސް ފާހަގަ ވެފައިވަނީ އެމޭޒަން ޖަންގަލީގައި މަޝްރޫއުތަށް ހިންގުމަށް ޖަންގަލިން ގަސް ކެނޑުމުގެ ސިޔާސަތު ގެންގުޅޭ ވެރިއެއްގެ ގޮތުގައެވެ. މިކަމުގެ ސަބަބުން ބްރެޒިލްގެ ރައްޔިތުންގެ އިތުރުން ތިމާވެށި ރައްކާތެރިކުރަން މަސައްކަތް ކުރާ ޖަމާއަތްތަކުގެ ނުރުހުން އޭނާ އަށް ވަނީ އަމާޒުވެފައެވެ.

އިންސާނީ އަދި ތިމާވެށީގެ ހައްގުތަކަށް ވަކާލާތު ކުރައްވާ ބައެއް ޖަމިއްޔާތަކުން ވަނީ އެމެޒޯންއިން ގަސްގަހާގެހި ކެނޑުމަށް ދަނޑުވެރިކަން ކުރާ ފަރާތްތަކާއި އެފަދަ އެހެން ފަރާތްތަކުން ތިމާވެއްޓާއި ދެކޮޅު ސިޔާސަތުތަކަށް ހިތްވަރު ދިނުމުގެ ސަބަބުން ދަނޑުވެރިން ގަސްދުގައި އެސަރަހައްދުގައި ހުޅުޖަހަނީކަމަށްވެސް ތުހުމަތުކޮށްފައެވެ.

އިންސާނުން ނޭވާލާން ބޭނުންކުރާ އޮކްސިޖަންގެ 20 އިންސައްތަ އުފައްދަމުން އަންނަ ދުނިޔޭގެ އެންމެ ބޮޑު ޓްރޮޕިކަލް ރެއިން ފޮރެސްޓް، އެމޭޒަންގައި ރޯވީ މީގެ 3 ހަފްތާ ކުރިންނެވެ.

އެމޭޒަން ޖަންގަލީގައި އަނދަމުންދާ އަލިފާނުގެ ސަބަބުން ފެތުރިފައިވާ ދުންގަނޑު ވަނީއެތައްހާސް މޭލަށް ހުރަސްކޮށް ރިއޯޑެ ޖެނެރިއޯ އާހަމައަށް ދަތުރުކޮށްފައެވެ.

ބްރެޒިލްގެ ނެޝަނަލް އިންސްޓިޓިއުޓް ފޯ ސްޕޭސް ރިސާޗް އިން މި ޖަންގަލީގެ ސެޓެލައިޓް ފޮޓޯތައް ބެލުމަށް ފަހު ބުނެފައި ވަނީ މިދިޔަ މަހު އެކަނިވެސް އެ ޖަންގަލިން 332160 އޭކަރުގެ ސަރަޙައްދެއްގައި ހުރި ހުރިހާ ގަހެއް ގެއްލިފައިވާ ކަމަށެވެ. މިއީ ރެކޯޑް އަދަދެއް ކަމުގައި ވާއިރު، މިހާރު ރޯވަމުން ދާ އަލިފާންގަނޑުގެ ސަބަބުން މި އަދަދު ދަނީ ހަލުވި ކަމާއި އެކު އިތުރުވަމުންނެވެ.

އެމޭޒަން ޖަންގަލީގައި މަދުވެގެން 40000 ވައްތަރުގެ ގަސްގަހާގެހި ހުންނަކަންވަނީ ފާހަގަކުރެވިފައެވެ. އަދި ހަމަ މިއާއެކު 2.5 މިލިއަން ވައްތަރުގެ ކުދި ސޫފި އުޅޭކަންވަނީ ފާހަގަކުރެވިފައެވެ. އޭގެ ތެރޭގައި ހިނީގެ ވައްތަރުތަކާއި ނަގުލަންދާށި، ފަނި، ފަދަތަކެތި ހިމެނެއެވެ.