ހިންދޫއިންގެ ތެރޭގައި އޮންނަ ދަށް ފަންތީގެ ނަސްލަށް ނިސްބަތްވާ މީހުން އެޤައުމުގެ އެކި ސަރަޙައްދުތަކުގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން އަށް މީހަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވެއްޖެއެވެ.

ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް މި ފަރާތްތައް މުޒާހަރާ ކުރަމުންދަނީ ދާދި ފަހުން އެޤައުމުގެ ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަކާވެސް ގުޅިގެންނެވެ.

ބައިނަލްއަޤުވާމީ ނޫސްތަކުން ބުނާ ގޮތުގައި މުޒާހަރާގެ ބައިވެރިން ވަނީ ބައެއް ސަރަޙައްދުތަކުގެ އާއްމު ދަތުރުފަތުރާއި ވިޔަފާރިތައްވެސް ހުއްޓުމަކަށް ގެނެސްފައެވެ. ހަމައެހެންމެ، ބައެއް ސަރަޙައްދުތަކުގައި މުޒާހަރާގެ ބައިވެރިންވަނީ ފުލުހުންނާވެސް ކުރިމަތިލައިފައެވެ.

މައުލޫމާތު ލިބޭ ގޮތުން އިންޑިޔާގެ މަދިޔާ ޕްރަދޭޝް އިން މުޒާހަރާގެ ތިން މީހަކު ވަނީ މަރުވެފައެވެ. އަދި އެސްޓޭޓުގައި ކާފިޔުވެސް އިއުލާންކޮށްފައިވެއެވެ.

އިންޑިޔާގެ އުތުރުގެ އުއްތަރަ ޕްރަދޭޝް އިން ދެ މީހުން މަރުވިއިރު ރާޖަސްތާނުންވެސް މީހަކު މަރުވެފައިވެއެވެ. މީގެއިތުރުން، ދަށް ފަންތީގެ މީހުންގެ އާބާދީ އެންމެ ބޮޑު ޕަންޖާބުންވެސް އިތުރު މީހުންތަކެއް މަރުވެފައިވެއެވެ.

އެޤައުމުގައި އޮންނަ ނަސްލީ ތަފާތުކުރުމުގެ ނިޒާމަށް ބަލާއިރު، ދަލިތުން ނުވަތަ މުޖުތަމަޢުގައި އެންމެ ދަށް ފަންތީގެ މީހުންކަމަށް ބުނާ މީހުންނަކީ ނަޖިސް ބައެކެވެ. އަދި، އެމީހުންނާ މުއާމަލާތްކުރުމާއި ގުޅުން ބޭއްވުން އަދި ކައިވެނިކުރުމަކީވެސް އެހެން މީހުންނަށް ހުއްދަ ކަމެއް ނޫނެވެ.

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގައި މި މައްސަލަ އިންތިހާ ދަރަޖައަށް ގޮސްފައިވާއިރު މިކަމުގެ ސަބަބުން އެތައް މައްސަލައެއް ދަނީ ފެންމަތިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެއްމެން

    އިންޑިޔާ ސަރުކާރުން އައްނި ވެރިކަމަށް ނެއެރުވިގެން ހިތާމަކުރުމުގެ ބަދަލުގާ އިނޤޑިޔާގައި ހިންގާ އިންސާނިއްޔަތަށް މުސީބާތަކަށް ވެފަ ހުރި މިފަދަ އެތައްކަމެއް ރަނގަޅުކުރަން އުޅުނިއްޔާ މާ ރަނގަޅުވާނެ، އަހަރަމެންނާ ނުބެހި އަމިއްލަ ހާލަތު ރަނގަޅުކުރެވޭތޯ ބަލާބަލަ.

  2. އަލީ

    އިންޑިޔާގެ މިކަންކަމުގެ ހައްލަކީ އަންނި ( މުޙައްމަދު ނަޝީދު ) އޭނަޔާއި ވެރިކަން ހަވާލުކުރޭ