އޯޝަނިއާގެ ޤައުމެއް ކަމަށްވާ ވަނުއަޓޫއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުން އައިސްފައި ވަނީ މިރޭ ރާއްޖެ ގަޑިން 9:00 ހާއިރު ވަނުއަޓޫގެ އައްސޭރީގެ ސަރަޙައްދަކަށެވެ.

ބިންހެލުންތައް މޮނިޓާކުރާ ބައިނަލްއަޤުވާމީ އިދާރާއެއް ކަމަށްވާ، ޔޫރަޕިއަން މެޑިޓަރޭނިއަން ސެއިސްމޮލޮޖިކަލް ސެންޓަރުން ބުނެފައިވާ ގޮތުގައި މި ބިންހެލުން އައީ ރެކްޓަރ މިންގަނޑުން 6.0 ގެ ބާރުމިނުގައި އެ ސަރަޙައްދުގެ ބިމުގެ 123 ކިލޯމީޓަރު އަޑިންނެވެ.

ނޫސްތައް ބުނާގޮތުގައި މި ބިންހެލުމުގެ އަސަރު، ވަނުއަޓޫގެ އަވައްޓެރި ޤައުމެއް ކަމަށްވާ ސޮލޮމޮން އައިލޭންޑްސްގެ ޖަޒީރާ ރަށްތަކަށްވެސް ވަނީކޮށްފައެވެ. އެގޮތުން މި ބާރުގަދަ ބިންހެލުން އައި ވަގުތު އެއިން ބައެއް ރަށްތަކަށްވެސް ބިންހެލުމުގެ ލޮޅުން އިހުސާސް ކުރެވިފައިވާ ކަމަށް ވެއެވެ.

މިރޭ ވަނުއަޓޫއަށް ރެކްޓަރ މިންގަނޑުން 6.0 ގެ ބާރުމިނުގައި ބިންހެލުން އައުމުގެ ކުރިންވެސް އެ ޤައުމަށް ބާރުގަދަ ލޮޅުމެއް އައިސްފައިވެއެވެ. އެ ލޮޅުމުގެ ބާރުމިން ރެކްޓަރ މިންގަނޑުން 4.6 އަށް އަރާ ކަމަށް އިދާރާތަކުން ބުނެއެވެ.

މި ބިންހެލުންތަކާއި ގުޅިގެން ސުނާމީއެއް އުފެދިދާނެ ކަމުގެ އިންޒާރު އަދި ދީފައެއް ނުވެއެވެ. އަދި ބިންހެލުންތަކުގައި ވަނުއަޓޫއަށް ނުވަތަ ސޮލޮމޮން އައިލޭންޑްސް އަށް ލިބުނު ގެއްލުމެއްވެސް މީޑިއާތަކުން ރިޕޯޓުކޮށްފައެއް ނުވެއެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް އަންނަ ބާރުގަދަ ބިންހެލުންތަކުގެ ނިސްބަތް ވަނީ ވަރަށް ބޮޑަށް އިތުރުވެފައިކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އިންޑިޔާ ކަނޑަށްވެސް ބިންހެލުމެއް އައުމަކީ ގާތްކަމެއް، އެހާވެސް މީސްތަކުންގެ ޢަމަލުތައް ނުބައިވެއްޖެ.