މެކްސިކޯގެ ވަރުގަދަ ޑްރަގް ވިޔަފާރިވެރިޔާ ޖޯގްއިން ގުޒްމަން މަޝްހޫރު ނަމުންނަމަ އެލްޗަޕޯ، ޖަލުގައި ޙުކުމް ތަންފީޒުކުރާ އިރު އިރުގެ އަލިކަންވެސް ފެންނަ ހިސާބަށް ނުނެރުމަށް އެމެރިކާގެ ކޯޓަކުން އަމުރުކޮށްފިއެވެ.

ނިއުޔޯކުގެ ކޯޓަކުން މިގޮތަށް އަމުރު ނެރެފައިވަނީ، ކަސްރަތު ކުރުމަށްޓަކައި ހަފްތާއަކު ދެގަޑިއިރަށް ޖަލުގެ ކުޑަގޮޅިން ބޭރަށް ނެރެން އެދި އެލްޗަޕޯ ހުށަހެޅި މައްސަލަ އަކާއި ގުޅިގެންނެވެ. އެ ހުށަހެޅުން ބަލައި ނުގަތުމަށް ނިންމައި ކޯޓުން ބުނެފައިވަނީ، ހުކުމް ތަންފީޒުކޮށް ނިމެންދެން އޭނާ ހުންނަން ޖެހޭނީ ކުޑަގޮޅީގައި ކަމަށެވެ.

މިކަމާއި ގުޅިގެން އެލްޗަޕޯގެ ލޯޔަރު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެލްޗަޕޯގެ އިންސާނީ ހައްޤުތައް ނިގުޅައިގެންފައިވާ ކަމަށެވެ. އެގޮތުން ސާފު ވައި ނުލިބި، ގުދުރަތީ އަލިކަން އޭނާއަށް ނުފެންނަތާ މިހާރު ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި، މިކަމުގެ ސަބަބުން އޭނާއަށް ނަފްސާނީ ގެއްލުން ލިބޭ ކަމަށެވެ.

މި މައްސަލައިގައި ޙުކުމްކުރި ގާޒީ ބުނެފައިވަނީ، ކަސްރަތު ކުރުމަށް ކަމަށް ބުނެ އެލްޗަޕޯ ކޯޓުގައި އެދުނު އެދުން ފުރިހަމަވާން ނެތްކަމަށާއި، އެގޮތަށް އޭނާ މައްސަލަ ހުށަހެޅީ ނިއުޔޯކުގައި މިހާރު އޭނާ ހައްޔަރުކޮށްފައި ހުންނަ ޖަލުން ފިލަން ފުރުސަތެއް ހޯދުމަށް ކަމަށް ބެލެވޭ ކަމަށެވެ.

އެލްޗަޕޯ މީގެ ކުރިން ވަނީ މެކްސިކޯގެ މެކްސިމަމް ސެކިއުރިޓީ ޖަލުތަކުއި ޙުކުމް ތަންފީޒުކުރަމުން ދަނިކޮށް ދެ ފަހަރެއްގެ މަތިން ފިލާފައެވެ. އެގޮތުން އޭނާ އެއްފަހަރަކު ވަނީ ހައްޔަރު ކުރުމުން ބިމު އަޑިން މަގެއް ކޮނެގެންވެސް ފިލާފައެވެ. އެއަށްފަހު އަލުން އޭނާ ހައްޔަރުކޮށްފައި ވަނީ، އޭގެ އެތައް އަހަރެއް ފަހުން ރިސޯޓެއްގައި ހުއްޓައެވެ.

އެލްޗަޕޯ މެކްސިކޯ އިން ހައްޔަރުކޮށް އެމެރިކާ އާއި ހަވާލު ކުރުމުން ބައްހައްޓާފައި ހުންނަނީ "ސްޕަމެކްސް" ޖަލެއްގައެވެ. ކޮންމެ ދުވަހަކު 23 ގަޑިއިރު އޭނާ ބަހައްޓަނީ އެކަހެރިކޮށެވެ. އެހެން މީހުން ފެންނަ ހިސާބަށް އޭނާ ނެރެނީ ދުވާލަކު އެއް ގަޑިއިރަށެވެ.

އެލް ޗަޕޯގެ މައްޗަށް އެމެރިކާގެ ކޯޓެއްގައި އުފުލި ދިހަ ދައުވާއެއް ސާބިތުވާ ކަމަށް ކުރިން ވަނީ ނިންމާފައެވެ. އޭނާގެ މައްޗަށް ޙުކުމް އިއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. ޔަގީނާއި ގާތައް ކަށަވަރު ވެފައިވާ ގޮތުގައި އެލް ޗަޕޯގެ މައްޗަށް އަންނާނީ އުމުރު ދުވަހުގެ ޖަލު ޙުކުމެކެވެ.

އެލް ޗަޕޯ ޙުކުމް ތަންފީޒު ކުރަމުން ގެންދާނީ ކޮންކްރީޓް ގޮޅިއެއްގައި ހުރެގެންނެވެ. އެގޮޅީގެ ބޮޑު މިނުގައި ހުންނާނީ 07 ފޫޓް 12 ފޫޓެވެ. ކޮންމެ ދުވަހަކު 23 ގަޑިއިރު އޭނާ ހުންނަން ޖެހޭނީ ގޮޅީގައެވެ. ކޮންމެ ދުވަހަކު އެއް ގަޑިއިރަށް އޭނާ ގޮޅިން ނެރުނު ނަމަވެސް ޖަލުގައި ތިބޭ އެހެން ކުށްވެރިންނާއި ބައްދަލު ކުރުމުގެ ފުރުސަތެއް އޭނާ އަކަށް ނޯންނާނެއެވެ.