އަންނަ މަހު ޓިއުނޭޝިއާގައި އޮންނަ އާއްމު އިންތިޚާބުގައި ވާދަކުރާ ނަބީލް ކަރޯއީ ހައްޔަރުކޮށްފިއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ނަބީލް ހައްޔަރުކުރީ މަނީލޯންޑްރިން އާއި ޓެކްސްއަށް އޮޅުވާލުމުގެ ތުހުމަތުގައެވެ.

ބޮޑެތި ތުހުމަތުތަކެއްގައި އޭނާ ހައްޔަރު ކުރި ނަމަވެސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓުން އޭނާ އުނިނުކުރާނެ ކަމަށް އިލެކްޝަންގެ އޮފިޝަލުން ވިދާޅުވިއެވެ.

"އަދި އަޅުގަނޑުމެންނަށް ލިބިފައި ހުރި މައުލޫމާތައް ބަލާފައި ނަބީލަކީ ރިޔާސީ ކެންޑިޑޭޓެއް. ކެންޑިޑޭޓުންގެ ލިސްޓްގައި އޭނާގެ ނަން އޮންނާނެ." އިންތިޚާބާއި ބެހޭ ކޮމިޝަންގެ ރައީސް ބަފުއޮން ވިދާޅުވިއެވެ.

ޓިއުނޭޝިއާގައި ރިޔާސީ އިންތިޚާބު ބާއްވަން ތާވަލް ކޮށްފައި ވަނީ ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހުއެވެ. ނަބީލް ނިސްބަތްވާ ސިޔާސީ ޕާޓީކަމަށްވާ ޤަބްލް ޓައުންސް އިން ބުނީ ނަބީލްގެ މައްޗަށް ތުހުމަތުތަކެއް ކޮށްފައި ވަނީ ސިޔާސީ މަޤުޞަދެއްގައި ކަމަށެވެ.

ހައްޔަރުކޮށްފައިވާ ނަބީލަކީ ޓިއުނޭޝިއާގައި ފާހަގަ ކޮށްލެވޭ މަހުޖަނެކެވެ. އުމުރުން 56 އަހަރުގެ ނަބީލަކީ އިންތިޚާބު ކާމިޔާބު ކުރުން ވެސް އެކަށީގެންވާ ވަރުގެ މަގުބޫލް ކެންޑީޑޭޓެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އޭނާ ހައްޔަރުކޮށްފައި ހުރުމަކީ ކެމްޕޭނަށް އެޅޭނެ ވަރަށް ބޮޑު ހުރަހެކެވެ.

26 ކެންޑިޑޭޓުން ވާދަކުރާ ޓިއުނޭޝިއާގެ ރިޔާސީ އިންތިޚާބުގައި ނަބީލް ފިޔަވައި ދެން އިންތިޚާބު ކާމިޔާބު ކުރުން އެންމެ ގާތީ މިހާރުގެ ބޮޑުވަޒީރު ޔޫސުފް ޝަހީދު އެވެ.

ޓިއުނޭޝިއާގައި ރިޔާސީ އިންތިޚާބެއް އަންނަ މަހު ބާއްވަނީ އެގައުމުގައި އެންމެ ފަހުން ވެރިކަން ކުރެއްވި ބެޖީ ކައިދް އެބެސްބީ އުމުރުން 92 އަހަރުގައި މިދިޔަ މަހު މަރުވުމުންނެވެ.

ޓިއުނޭޝިއާގެ ޤާނޫނު އަސާސީ އޮންނަ ގޮތުން ހާރިޖީ ސިޔާސަތާއި، ގައުމުގެ ދިފާޢީ ކަންތައްތައް ބަލަހައްޓާނީ ގައުމުގެ ރައީސް އެވެ. އެހެނިހެން ދާހިލީ ކަންކަން ބަލަހައްޓާނީ ޤާނޫނު ހަދާ މަޖިލީހުން އިންތިޚާބު ކުރާ ބޮޑުވަޒީރެކެވެ.