އިސްރާއީލް ސިފައިން ވައިގެ މަގުން ސީރިއާގެ ވެރިރަށް ދިމިޝްކްގެ ދެކުނުގެ ބައެއް ސަރަހައްދުތަކަށް ހަމަލާތަކެއް ދީފިއެވެ. އިސްރާއީލް ސަރުކާރުން ވަނީ ސީރިއާއަށް ހަމަލާތަކެއް ދީފައިވާނެކަން ކަށަވަރު ކޮށްދީފައެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނީ ހަމަލާދިނީ ސީރިއާގައި ހަރަކާތްތެރިވާ އީރާންގެ ސިފައިންނަށް ކަމަށެވެ. އެހަމަލާތައް ދިނީ ކުރިއަށް އޮތްތަނުގައި ކުރިމަތިވެދާނެ ބޮޑު ނުރައްކަލަކުން ސަލާމަތްވުމަށް ކަމަށް އިސްރާއީލް ސިފައިން ބުނެއެވެ.

ސީރިއާގެ ދައުލަތުގެ މީޑިއާ އިން ބުނީ އިސްރާއީލްގެ ހަނގުރާމަތީ ޖެޓްތަކުން ފޮނުވާލި ގިނަ މިސައިލްތައް އަމާޒަށް ވާސިލްވުމުގެ ކުރިން ސީރިއާގެ އެއާ ޑިފެންސް ސިސްޓަމުން ވައްޓާލާފައިވާ ކަމަށެވެ.

ބައިނަލްއަޤުވާމީ މީޑިއާތަކުން ބުނާ ގޮތުގައި ރޭ އިރާކޮޅު ދިމިޝްކްގެ ބޭރުގެ އެކި ސަރަހައްދުތަކުން ގޮވުންތަކެއްގެ އަޑު އިވިފައިވެއެވެ.

މީގެ ކުރިން ވެސް އިސްރާއީލުން ވަނީ ސީރިއާގެ ބައެއް ސަރަހައްދުތަކަށް ވައިގެ މަގުން ހަމަލާތައް ދީފައެވެ. ނަމަވެސް ގިނަ ފަހަރަށް ހަމަލާތައް ދިނުމަށް ފަހު ހަމަލާދިން ކަމަށް އިސްރާއީލުން އެއްބަހެއް ނުވެއެވެ.

ސީރިއާ އަސްކަރިއްޔާގެ ތަރުޖަމާނަކު ބުނީ އިސްރާއީލުން ހަމަލާތަކުގެ ސަބަބުން އެއްވެސް މީހަކު މަރުވެފައި ނުވާކަމަށާއި އަދި މީހަކަށް އަނިޔާއެއް ވެސްވި ކަމުގެ ރިޕޯޓެއް ލިބިފައި ނެތް ކަމަށެވެ.

ހަމަލާދީފައި ވަނީ ސީރިއާގައި ހަރަކާތްތެރިވާ އީރާންގެ ސިފައިންނަށް ކަމަށް އިސްރާއީލުން ބުނެފައި ވީނަމަވެސް އީރާނުން އަދި މިކަމާއި ބެހޭ ގޮތުން އެއްވެސް އެއްޗެކޭ ނުބުނެއެވެ.

ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ދިފާޢު ކުރުމަށް ސީރިއާގައި އީރާންގެ ސިފައިން ހަރަކާތްތެރިވާ ކަމަށް އިސްރާއީލުން ބުނި ނަމަވެސް އީރާނާއި ސީރިއާ އިން މީގެ ކުރިން ބުނެފައި ވަނީ ސީރިއާގައި އީރާންގެ ސިފައިން ހަރަކާތްތެރި ނުވާކަމަށެވެ.

އީރާނުން ތުހުމަތުތައް ދޮގުކުރި ނަމަވެސް ބައްޝާރުގެ ސަރުކާރަށް އެހީތެރިވާ މަދު ގައުމުތަކުގެ ތެރޭގައި އީރާން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުސްލިމް

    މިއީ ކިހާބޮޑު އަޖައިބެއް..؟! މިމީހުން ހަމަ ހިތަށް އަރާ އިރަށް ހިތަށް އެރި ތާކަށް ހަމަލާ ދޭންވީ..! އެކަމާ ބަހެއް ބުނާނެ މީހެއްވެސް ނުހުރޭ..!

  2. އިންޖަސްޓިސް

    އިންސާފުވެރިކަން ފެނޭދޯ

  3. މުރާދު

    އިސްރާއީލުންކުރާމިބާވަތުގެޢަމަލުތަަކީޓެރަރިސްޓް ޢަމަލެއްނޫންތޯޓެރަރިސްޓްސިއްކަނުޖެހޭނެތޯމުސްލިމުންގެ ދިފާއުގައިވެސް މުސްލިމަކު ކަމެއްކުރުމުން ޓެރަރިސްޓެއްގެ ސިއްކަޖެހޭ