ރޭގެ ވަގުތެއްގައި ފަލަސްތީނުގެ ޣައްޒާގައި، ނިރުބަވެރި އިސްލާމިކް ސްޓޭޓްސް (އައިސިސް) އިން ދިން ހަމަލާ އާއި ގުޅިގެން އެ ސިޓީ އެލާޓަށް ގެނެސްފިއެވެ.

ނޫސްތައް ބުނާގޮތުގައި ރޭ ޣައްޒާގެ ޗެކްޕޮއިންޓެއްގެ ކައިރީގައި ނިރުބަވެރިން ދިން ޖާނުންފިދާވުމުގެ ހަމަލާ އަމާޒުކޮށްފައި ވަނީ އެ ސަރަޙައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން އަންނަ ހަމާސްގެ ސިފައިންނަށެވެ. މި ހަމަލާގައި ހަމާސްގެ ތިން އޮފިސަރަކު ވަނީ މަރުވެފައެވެ.

ޖާނުންފިދާވެގެން ރޭ ދިން ނިރުބަވެރި ހަމަލާއަށްފަހު ޣައްޒާ އެލާޓަށް ގެނެސްފައިވާއިރު، އެ ސިޓީގެ މަގުތަކުގައި ސިފައިން ވަނީ ފޯރިމަރަން ފަށާފައެވެ. އަދި އެފަދަ ހަމަލާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ވަރުގަދަކޮށްފައިވާއިރު، ހަނގުރާމަވެރިންނާއި ގުޅުންހުރި މީހުން އަތުލައިގަތުމުގެ އޮޕަރޭޝަނެއްވެސް މިހާރު ވަނީ ފަށާފައެވެ.

ފަލަސްތީނުގެ އޮފިޝަލުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވާގޮތުގައި، ރޭ ޣައްޒާގައި ވަނީ ބޮން ގޮއްވައިގެން ނިރުބަވެރި ދެ ހަމަލާއެއް ދީފައެވެ. އެގޮތުން ފުރަތަމަ ހަމަލާގައި ދެ އޮފިސަރަކު މަރުވިއިރު، ތިންވަނަ މީހާ އޮތީ ވަރަށް ބޮޑަށް ޒަޚަމްވެފައި ކަމަށާއި، އޭނާ މަރުވީ އޭގެ ފަހުން ގަޑިއެއްހާއިރު ވެސް ނުވަނީސް ދިން ދެވަނަ ގޮވުމުގައި ކަމަށް ވެއެވެ.

އައިސިސް އިން މި ހަމަލާ ދިން ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މުސްލިމުންގެ ނަމުގައި ހަރަކާތްތެރިވާ އެ ޖަމާޢަތުން މުސްލިމުން މެރުމަކީ އާންމު ކަމެކެވެ.

ދެ މިލިއަނެއްހައި މީހުންގެ އާބާދީއެއް އޮންނަ ޣައްޒާއަކީ ހައްދުފަހަނައަޅާފައިވާ އިސްރާއިލްގެ އަސްކަރިއްޔާގެ ޝިކާރައަކަށްވެސް ވެފައިވާ ސިޓީއެކެވެ. އެގޮތުން އިސްރާއިލް އިން ވެސް އެ ސަރަޙައްދަށް ދޭތެރެ ދޭތެރެއިން ހަމަލާދީ ގެތަކާއި އިމާރާތްތައް ސުންނާފަތިކޮށް އެތައް ބަޔަކު ޝަހީދުކޮށް ހަދައެވެ. ނަމަވެސް ރޭގެ ހަމަލާއަކީ އިސްރާއިލް އިން ދިން ހަމަލާއެއް ނޫން ކަމަށް އިސްރާއިލް ޑިފެންސް ފޯސް (އައިޑީއެފް) އިން ވަނީ ބުނެފައެވެ.