ބޭރު ޤައުމަކުން އެތެރެކޮށްފައިވާ ބޮމެއް ލަންކާގެ އަވަށަކުން ފެނިއްޖެއެވެ.

އެޤައުމުގެ މޮރޮނާގަލައިގެ އަތިލިވެވާ ނަމަކަށްކިޔާ އަވަށަކުން މި ބޮން ފެނިފައިވަނީ ބުދަ ދުވަހުގެ ވަގުތެއްގައި ކަމަށް ނޫސްތައް ބުނެއެވެ.

ފުލުހުންނާއި ހަވާލާދީ ލަންކާގެ ނޫސްތަކުގައި ބުނެފައިވަނީ، އެ އަވަށުން ފެނިފައިވަނީ އަތުބޮމެއް ކަމަށެވެ. މި ބޮން މިހާރު ކަމާއި ބެހޭ ފަރާތްތަކުން ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. ނަމަވެސް އެކަމާއި ބެހޭ އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.

ނޫސްތަކުން ބުނާގޮތުގައި މި ބޮން ފެނިފައިވަނީ އަތިލިވެވާގައި މަސްވެރިކަން ކުރަން އުޅުނު މީހަކަށެވެ. އޭނާއަށް ބޮން ފެނުމާއެކު ވަނީ އިދާރާތަކުގެ ސަމާލުކަމަށް އެކަން ގެންގޮސްފައެވެ. އެއާއެކު ފުލުހުންނާއި ސިފައިން ވަނީ އެ ސަރަޙައްދު ބަންދުކޮށް އެތަނުގައި ހަރަކާތްތެރިވެފައެވެ.

ލަންކާގެ އަވަށަކުން އިއްޔެ ބޮމެއް ފެނިފައި މިވަނީ، މިދިޔަ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު އެޤައުމުގެ އެކި ސަރަޙައްދުތަކުގައި ބޮން ގޮއްވާލާފައި ވަނިކޮށެވެ. 250 އަށްވުރެ ގިނަ މީހުން މަރުވި އެ ހާދިސާއަށްފަހު އެޤައުމުގައި ވަނީ ބަލައި ފާސްކުރުމުގެ ބޮޑު އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފައެވެ. ފުލުހުން ވަނީ މި އޮޕަރޭޝަނުގައި މިފަދަ ބޮމާއި ގިނަ އަދަދެއްގެ އެނޫންވެސް ހަތިޔާރު ހޯދާފައެވެ.

ބޭރު ޤައުމަކުން ލަންކާއަށް އެތެރެކޮށްފައިވާ އަތުބޮމެއް ފެނުނު މައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި އެ ބޮމަކީ ކޮން ޤައުމަކުން ލަންކާއަށް އެތެރެކޮށްފައިވާ ބޮމެއް ކަމެއްވެސް ނޭނގެއެވެ. މިކަން އިދާރާތަކުން މިހާރު ދަނީ އިތުރަށް ބަލައި ތަހުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަކުރުބެ

    ޢަޑިންދާ 19 ގެ ފޮތްލިސްޓް އެވިއްކަނީ

  2. ހަމަހަމަ

    އެންމެނަށްވެސް އެނގެއޭ ލަންކާގަ ހަމަނުޖެހުން އުފައްދަނީ އަސްލު އިންޑިޔާކަން.