އެމެރިކާގެ އިރުމަތީ ފަރާތުގައި އޮންނަ ފްލޮރިޑާ އާއި ދިމާލަށް މިހާރު މިސްރާބު ޖަހާފައިވާ ތޫފާން ޑޯރިއަން އާއި އެކު އެ ސްޓޭޓުގައި އެމެޖަންސީ ހާލަތު އިއުލާން ކުރުމުގެ ހުއްދަ އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފިއެވެ.

60 އަހަރު ތެރޭގައި ފްލޮރިޑާ އަށް އަރާނެ ކަމަށް ބެލެވިފައިވާ އެންމެ ބާރުގަދަ ތޫފާނާއި އެކު ފްލޮރިޑާގެ 67 ކައުންޓީ ވަނީ އެމެޖަންސީ ހާލަތަށް ގެނެސް ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަން ފަށާފައެވެ. މިގޮތުން ހާލުގައި ޖެހޭ މީހުންނަށް ކާނާ އާއި ކޭމްޕްތައް ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ޖެހިޖެހިގެން 4 އަހަރު ފްލޮރިޑާ އަށް މިފަދަ ތޫފާންތައް އަރަމުން އަންނައިރު، މީގެ ކުރިން ދުވަހަކުވެސް މިގޮތަށް ވެފައި ނުވާކަން ފާހަގަކޮށްލެވެއެވެ. މިދިޔަ އަހަރު އެ ސްޓޭޓަށް އެރި ތޫފާން މައިކަލްގެ ސަބަބުން ލިބުނު ގެއްލުމުން އެ ހިސާބުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބުނު ގެއްލުމުން އަރައި ނުގަނެވި އުޅެނިކޮށް، ތޫފާން ޑޯރިއަންގެ ސަބަބުން އެތައް ރައްޔިތުންތަކަކަށް ފޫ ނުބެއްދޭ ވަރުގެ ގެއްލުންތަކެއް ލިބޭނޭ ކަމަށް ވަނީ ބެލެވިފައެވެ.

ފްލޮރިޑާގެ ގަވަރުނަރ އެ ސްޓޭޓުގައި އެމެޖަންސީ ހާލަތު އިއުލާން ކުރުމުން ރައީސް ޓްރަމްޕްވެސް ވަނީ އެކަމަށް ތާއިދުކޮށްފައެވެ. އެ ގައުމުގެ 12،000 ސިފައިން ވަނީ މިހާރު ފްލޮރިޑާގެ ރައްޔިތުންނަށް އެހީވުމުގެ މަސައްކަތް ފަށާފައެވެ.

މިފަދަ ތޫފާނުތައް ހުއްޓުވުމަށް ޓްރަމްޕް ވަނީ ނިއުކްލިއާ ހަތިޔާރުތަކުގެ ބޭނުން ހިފަން އަސްކަރިއްޔާގެ އިސް ވެރިންނާއި މަޝްވަރާވެސް ކޮށްފައިކަން ފާހަގަކޮށްލެވެއެވެ.