މިރޭގެ ވަގުތެއްގައި މިޔަންމާއަށް އައި ބާރުގަދަ ލޮޅުމެއްގައި އެޤައުމުގެ ބައެއް ހިސާބުތަކަށް ގެއްލުންތަކެއް ލިބިއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ލޮޅުން އައީ އެޤައުމުގެ ވެރިކަންކުރާ މަންޑަލޭ އާއި 20 ކިލޯމީޓަރު ދުރުގައި އޮންނަ ސަގައިންގް ސިޓީއަށް ކަމަށް، މިޔަންމާގެ މީޓިއޮލޮޖީ އެން ހައިޑްރޮލޮޖީ ޑިޕާޓްމަންޓުން ބުނެއެވެ.

އެ އިދާރާއިން ބުނެފައިވާގޮތުގައި މިރޭ އެޤައުމަށް އައި ލޮޅުމުގެ ބާރުމިން ރެކްޓަރ މިންގަނޑުން 6.0 އަށް އަރައެވެ. ނަމަވެސް ބިންހެލުންތައް މޮނިޓާކުރާ ބައިނަލްއަޤުވާމީ އިދާރާ، ޔޫރަޕިއަން މެޑިޓަރޭނިއަން ސެއިސްމޮލޮޖިކަލް ސެންޓަރ އިން ވަނީ ލޮޅުމުގެ ބާރުމިން 5.5 އަށް ތިރިކޮށްފައެވެ.

މިރޭ މިޔަންމާގެ ވެރިކަންކުރާ ސަރަޙައްދާއި ދުރުނޫން ހިސާބަކަށް އައި ބާރުގަދަ ލޮޅުމުގެ އަސަރު ގިނަ އަވަށްތަކަށް ކޮށްފައިވާ ކަމަށް އެޤައުމުގެ ނޫސްތައް ބުނެފައިވާއިރު، ލިޅުން އައި ސަރަޙައްދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޮފިޝަލުންނާއި ހަވާލާދީ އެ ނޫސްތަކުގައި ބުނެފައި ވެއެވެ. ނަމަވެސް މި ހާދިސާގައި މީހަކަށް އަނިޔާއެއް ލިބުނު ކަމެއް އަދި އެނގިފައެއް ނުވެއެވެ.

ބިމުގެ ދިހަ ކިލޯމީޓަރު އަޑިން މިރޭ ރާއްޖެ ގަޑިން 8:00 ހާއިރު މިޔަންމާއަށް އައި ބާރުގަދަ މި ލޮޅުމާއި ގުޅިގެން މިހާތަނަށް ސުނާމީއެއް އުފެދިދާނެ ކަމުގެ އިންޒާރެއް ނެރެފައެއް ނުވެއެވެ.