ޗައިނާ އާއި ރަޝިޔާއަށްވުރެ އަސްކަރީ ގޮތުން ވަރުގަދަވުމަށް، އެމެރިކާ އަސްކަރިއްޔާއަށް ބޮޑު ބަޖެޓެއް ދިނުމަށް އެދިއްޖެއެވެ.

ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާގޮތުގައި، 2019 ވަނަ އަހަރު އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓަށް ދޭ ބަޖެޓު ބޮޑުކުރުމަށް، ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ އެދިފައެވެ.

އަސްކަރިއްޔާގެ ބަޖެޓު ބޮޑުކުރުމަށް ހުށަހެޅި ޕްރޮޕޯސަލާ ބެހޭގޮތުން ޓްރަމްޕް، އިއްޔެ ބުނެފައިވަނީ ބަޖެޓު ބޮޑުކުރުމަށް ނިންމާ، އެމެރިކާ ސިފައިން ބޭނުންކުރާ ކޮންމެ ހަތިޔާރެއްވެސް ވަރުގަދަކުރާނެކަމަށެވެ.

އެމެރިކާގެ އެންމެ ބޮޑު ދެ ވާދަވެރިންކަމުގައިވާ ޗައިނާ އާއި ރަޝިޔާއަށްވުރެ ވަރުގަދަވުމަށް، ބޮޑު ބަޖެޓެއް ދިނުމަށް ނިންމާފައިވާއިރު 2018 ވަނަ އަހަރަށް ޕެންޓަގަނަށް ދިން ބަޖެޓު ވެސް ވަނީ އެތައް ތަނެއް ބޮޑުކޮށްފައެވެ. އެގޮތުން، 2017 ވަނަ އަހަރުގެ ބަޖެޓަށްވުރެ 80 ބިލިޔަން ޑޮލަރު އިތުރަށް ދީ، ޖުމުލަ 686 ބިލިޔަން ޑޮލަރުގެ ބަޖެޓެއްވަނީ ފޯރުކޮށްދީފައެވެ.

އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް- ފޮޓޯ: ގެޓީ

މިކަމާ ގުޅިގެން، އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުގެ އަންޑަރ ސެކެރެޓަރީ ޑޭވިޑް އެލް ނޯކުއިސްޓް ބުނެފައިވަނީ، ރަޝިޔާ އާއި ޗައިނާއަށް ވުރެ ވަރުގަދަވަނީ އެޤައުމުތަކުން ޓެރަރިޒަމުގެ ބިރު އޮތުމުން ނޫންކަމަށާއި، މިއީ ބޮޑު ވާދަވެރިކަމެއްގެ ސަބަބުންކަމަށެވެ.

މި މޭރުމުން ވާހަކަ ދައްކާ، ނޯކުއިސްޓްވަނީ ޗައިނާގެ އިޤުތިޞާދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެގޮތުން، އެޤައުމުން ގެންގުޅެމުންދަނީ އަޅުވެތިކުރުމުގެ، ހަރުކަށި އިޤުތިޞާދީ އެޖެންޑާއެއްކަމަށް އޭނާ ބުނެފައިވެއެވެ.

އަސްކަރިއްޔާއަށް ދިން ބަޖެޓު އެތައް ތަނެއް ބޮޑުކުރިއިރު، ޚާރިޖީ ދާއިރާ ނުވަތަ އިންޓަނޭޝަނަލް ޑިޕްލޮމަސީއަށާއި ބޭރުގެ ޤައުމުތަކަށް ދޭ އެހީގެ ބަޖެޓު ކުޑަކުރުމަށް ޓްރަމްޕްވަނީ ނިންމާފައެވެ.