ޗައިނާގެ ބައެއް ކަމުގައިވާ ހޮންކޮންގައި އެތައް މިލިއަން ބަޔަކު މަގުމައްޗައް ނިކުމެ މުޒާހަރާ ކުރަމުން އަންނަތާ 5މަސް ވެފައި ވާއިރު، ހޮންކޮންގެ ލީޑަރު އެންމެ ފަހުން އަމާން ދީފިއެވެ.

ރަސްމީ ކަންކަމުގައި ހޮންކޮންގް އަކީ ޗައިނާގެ ބައެއް ނަމަވެސް، ޗައިނާ އިން ވަނީ ހޮންކޮންގް އަށް ވަކި ގައުމެއް ގޮތަށް ކަންކަން ކުރުމުގެ މިނިވަންކަން ދީ ވަކި ސަރުކާރެއް ހެދުމުގެ މިނިވަންކަންވެސް ދީފައެވެ. ނަމަވެސް އެއީ ޗައިނާގެ ބައެއް ކަމުގައި ވާއިރު، މި އަހަރު ކުރީ ކޮޅު ހޮންކޮންގެ ލީޑަރު ނުވަތަ ޗީފް އެކްސެކިއުޓިވް ކެރީ ލަމް ވަނީ އެތަނުގެ ކުށްވެރިން ޗައިނާ އާއި ހަވާލު ކުރުމަށް އެކްސްޓްރަޑިޝަން ބިލެއް ފާސް ކުރުމަށް ނިންމާފައެވެ.

މުޒާހަރާގެ ބައިވެރިންނާއި ދެކޮޅަށް ފުލުހުން ކަރުނަ ގޭސް ބޭނުން ކުރަނީ

ނަމަވެސް، މިކަމާއި ނުރުހުން ފާޅުކޮށް ހޮންކޮންގެ މަގުތައް މައްޗައް އެތައް މިލިއަން ބަޔަކު ނިކުމެ ނުރުހުން ފާޅުކޮށް، ހަމަނުޖެހުންތައް އުފައްދަން ފެށުމުގެ ސަބަބުން ޖޫން މަސް ތެރޭ ކެރީ ލަމް ވަނީ މި ބިލް ސަސްޕެންޑް ކޮށްފައެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ވަނީ މި ބިލް ސަސްޕެންޑް ކުރަން ބޭނުން ނުވާ ކަމަށާއި، ޗައިނާ އަށް ކުށްވެރިން އެކްސްޓްރަޑައިޓް ކުރުމަކީ ބޭނުންވާ ކަމެއް ނޫން ކަމަށެވެ. ޗައިނާގެ ކޯޓުތަށް ކޮންޓްރޯލް ކުރަނީ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީ އިންނެވެ. މުޒާހަރާގެ ބައިވެރިންގެ މައިގަނޑު 5 ކަމެއް އޮތް އިރު ކެރީ ލަމް އަދި އަމާން ދީފައި މިވަނީ އެންމެ ކަމަށެވެ.

ބާކީ އޮތް 4 ކަންތަކަކީ މިނިވަން ކަމާއި އެކު ފުލުހުން ތަހުގީގު ކުރެވުމާއި، ހަމަހަމަ އަދި ދެފުއް ފެންނަ އިންތިހާބެއް ބޭއްވުމާއި މުޒާހަރާގެ ބައިވެރިންނަށް ހަމަނުޖެހުން އުފައްދާ މީހުން ކަމަށް ބުނެ މުހާތަބު ނުކުރުމުގެ އިތުރުން ޕްރޮސެކިއުޝަން ހުއްޓުވުމެވެ. މިކަންކަމަށް އަމާންދޭން ކެރީ ލަމް ދެކޮޅު ހަދާއިރު، މުޒާހަރާގެ ބައިވެރިންވެސް ވަނީ ގޮތް ދޫކުރަން ދެކޮޅު ހަދާފައެވެ.

ހޮންކޮންގެ ލީޑަރު ކެރީ ލަމް އިސްތިއުފާ ދޭން އުޅޭ ކަމަށް ބުނެ އޯޑިއޯ އެއް ވަނީ ލީކު ވެފައި

މިހާރު ކުރިއަށް ދާ ސިލްސިލާ މުޒާހަރާތަކުގައި އެތައް ބަޔަކު މަރުވެފައި ވާއިރު، މުރާސިލުން ބުނާ ގޮތުން ކެރީ ލަމް އިސްތިއުފާ ދީގެން މެނުވީ މިކަންކަން ހައްލެއް ނުވާނެއެވެ. ބެލެވޭ ގޮތުގައި ކެރީ ލަމް ވަރަށް އަވަހަށް އޭނާގެ މަގާމުން އިސްތިއުފާ ދޭނެއެވެ.